English Edition
Dhivehi Edition

ފުވައްމުލަކުގެ ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްމަރްޙޫމް އަޙުމަދު ވަޙީދު އާންމު ނަމުން ނަމަ، ހުވަދަގެ ވަޙީދުގެ ހަނދާނުގައި ފުވައްމުލަކުގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޒިކުރާ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް މިދިޔަ ހަ އަހަރުގައި ވެސް ވަނީ ބާއްވާފައެވެ. މުބާރާތް އިންތިޒާމު ކުރާ ކޮމިޓީގެ ކޯޑިނޭޓަރ އިބްރާހިމް ޝަމީމް ވިދާޅުވި ގޮތުގައި މި މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށްވެސް ހުޅުވާލައިގެން ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި އަމިއްލަ ގޮތުން އަދި ސްކޫލް، މަދަރުސާ އަދި ކުލާސްތަކުން ވެސް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ސްކޫލް، މަދަރުސާ އަދި ކުލާސްތަކުން ގިނަވެގެން ބައިވެރިވެވޭނީ އުމުރުފުރާއަކުން ފަސް ކުދިންނަށް ކަމަށްވެސް ޝަމީމުވަނީ މަޢުލޫމާތުދީފައެވެ.

ފުވައްމުލައް ސިޓީގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް އަމާޒުކޮށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 21:00 ކުރިން ފޯމު ހުށައަޅަންޖެހޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމު އިތުރަށް ހާމަކުރެއްވި ގޮތުގައި ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށައަޅަން ވާނެއެވެ. ފޯމު އެ ސްކޫލުގެ ވެބްސައިޓުން ލިބެން ހުރި އިރު ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ ހުވަދަގެ ވަޙީދުގެ ހަނދާނީ މަރުކަޒު / ކެނެރީގެއިން އަދި ސްކޫލުގެ ވެބްސައިޓް މެދުވެރިކޮށެވެ.

އެހެން އަހަރުތަކާ ޚިލާފަށް ބަލައިގެން ކިޔެވުމުގެ ބައި އެކަނި ހިމެނޭގޮތަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި އުމުރު ފުރާތައް ބަހާލެވިފައިވަނީ ޖުމުލަ ހަތް ކެޓަގަރީ އަކަށެވެ. އެއީ ހަ އަހަރުން ދަށް، އަށް އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރުފުރާއެވެ.

މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން އެއް ވަނަ، ދެ ވަނަ، ތިން ވަނަ ހޮވަނަ ހޮވަން ހަމަޖެހިފައިވާއިރު މުޅި މުބާރާތުންވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން އެއް ވަނަ އާއި ދެ ވަނަ އަދި ތިން ވަނަ ސްކޫލް ނުވަތަ މުޢައްސަސާވެސް ހޮވަން ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އެ ބައިވެރިއެއްގެ ކިޔެވުން ނިމޭ އިރަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދެވޭނެ ކަމަށްވެސް އެ ސްކޫލުން މަޢުލޫމާތުދެއެވެ.