English Edition
Dhivehi Edition
މީގެ ކުރިން ނޫސްވެރިކަމުގެ އިނާމު ލިބުނު ބައެއް ފަރާތްތައް - ފޮޓޯ: އަޙްމަދު ނިޝާތު (މިހާރު)

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ސެޕްޓެންބަރު 10 ވަނަ ދުވަހުން ފެށިގެން އެ އިނާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އަހަރު އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް:

  • ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
  • އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން
  • ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ
  • ސިޔާސީ
  • ޝަރުއީ އަދި ޤާނޫނީ
  • ވިޔަފާރިއާއި އިޤުތިޞާދު
  • ކުޅިވަރު
  • ފޮޓޯ ޖާރނަލިޒަމް
  • ވީޑިއޯ ޖާރނަލިޒަމް
  • ފީޗަރ / ރިޕޯޓް
  • އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

އެ އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު ގެޒެޓުގައި ވަނީ އާންމުކޮށްފައެވެ.

އެ އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ. އަދި މި މުއްދަތު އެހެން އަހަރު ތަކެކޭ އެއްގޮތަށް އިތުރު ނުކުރެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.