Media Council ge member kamah kurimathilumah hulhuvaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

2 ހަފްތާ ކުރިން
މޯލްޑިވްސް މީޑިއާ ކައުންސިލް - ފޮޓޯ: އެޓޯލް ނިއުސް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާތީ، އެ ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މީޑިއާ ތަމްސީލުކުރާ 7 (ހަތެއް) މެންބަރުންނާއި އާންމު 6 (ހައެއް) މެންބަރުން ބޭނުންވާ ކަމަށާއި، ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން އަދި ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން 21 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ، “ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި [email protected] އަށް ހުށަހެޅުމަށް އެދޭ ކަމަށާއި، ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށެވެ.