English Edition
Dhivehi Edition

 

އައްޑޫ ބެޑްމިންޓަން ކުލަބް(އޭބީސީ) އާއި ސ.ހިތަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން ބާއްވާ ދެވަނަ “ދިރާގް ޓީޗަސް ބެޑްމިންޓަން ޓޯނަމަންޓް”ގެ އަންހެން ބައިގެ މެޗުން 5-0 ސެޓުން ކެންގަރޫ ކާމިޔާބު ކުރިއިރު ފިރިހެން ބައިގައި 5-0 ސެޓުން މަރަދޫ ސްކޫލް ބަލިކޮށް ހިތަދޫ ސްކޫލް މުބާރާތުގެ ފުރަތަމަ މެޗުގެ ކުޅުން ރަނގަޅު ކޮށްފިއެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓްގައި ރޭ ކުޅެފައިވަނީ މިމުބާރާތުގެ އަންހެން ބައިގެ ދެމެޗާއި ފިރިހެން ބައިގެ ދެމެޗެވެ.

އަންހެން ބައިގައި ފުރަތަމަ މެޗުގައި ކެންގަރޫ އާއި ޝަރަފުއްދީން ބައްދަލުކޮށްފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ހިތަދޫ ސްކޫލް އަދި އައްޑޫ ހައި ސްކޫލްއެވެ.

ރޭ ޝަރަފުއްދީންއާއި ބައްދަލުކޮށް 5-0 ސެޓުން ކެންގަރޫ މެޗު ކާމިޔާބުކޮށްފައި ވާއިރު ދެވަނަ މެޗުގައި ހިތަދޫ ސްކޫލްއިން ވަނީ އައްޑޫ ހައި ސްކޫލްގެ މައްޗަށް ކުރި ހޯދާފައެވެ.

އޭބީސީ ޓީޗަރސް މުބާރާތުގެ ފިރިހެން ބައިގެ ކުޅުނު މެޗުން ހިތަދޫ ސްކޫލްއިންގެ ފިރިހެން ޓީމުން މަރަދޫ ސްކޫލްގެ ފިރިހެން ޓީމް 5-0 ސެޓުން ބަލިކޮށްފައި ވާއިރު ރޭ ކުޅުނު ފިރިހެން ބައިގެ ދެވަނަ މެޗުގައި ޝަރަފުއްދީން ސްކޫލުން ވަނީ ފޭދޫ ސްކޫލްއާއި ބައްދަލުކުރި މެޗުން މޮޅުވެފައެވެ.

އޭބީސީ ޓީޗަރސް ޓޯނަމެންޓްގައި މިއަހަރު 6 ސްކޫލްއަކުން އަންހެން ފިރިހެން ހިމެނޭ ގޮތަށް 11 ޓީމް ބައިވެރިވެފައިވާއިރު މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުގައެވެ.

އެބީސީ ދެވަނަ ބެޑްމިންޓަން މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ ދިރާގު އަދި މީޑިޔާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.