English Edition
Dhivehi Edition
ފޭދޫ ސަންސެޓް ބީޗް

ފޭދޫ ޒުވާނުން ތަކެއް އިސްނަގައިގެން މިއަދު ހަވީރު ފޭދޫ ސަންސެޓް ބީޗްގައި “މިވަރުން ވޭށީ” ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

މިއަދު ހަވީރު 16:00 އިން 18:00 އަށް ސަންސެޓް ބީޗް ގައި ބާއްވާ މި އިވެންޓަކީ ތަފާތު ގިނަ މީރު ރަހަތައް އެއްތަނަކުން ލިބޭނެ ގޮތް ހޯދައިދިނުމާއި ކާބޯތަކެތި ވިއްކުމުގެ ކުދި ވިޔަފާރި ފެށި ޒުވާނުންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އިވެންޓް ތައްޔާރު ކުރާ ފަރާތުން “އޭއޯ ނިއުސް ” އަށް މައުލޫމާތު ދެމުން ބުނީ މިއީ ކޮވިޑް 19 އާއި ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުން ރަށުގައި ތިބި ދުވަސްވަރު އުފައްދާފައިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އެމީހުންގެ ޚިދުމަތް ގިނަ ބަޔަކަށް ދައްކައިދީ އެ ވިޔަފާރިތައް ޕްރޮމޯޓު ކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަގްސަދު ކަމަށެވެ.

މި ގޮތުން މިއަދުގެ މި އިވެންޓްގައި 15 ވިޔަފާރިއަކުން ބައިވެރިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ޕްރޮގްރާމުތައް ބާއްވާނެ ކަމަށް އިންތިޒާމު ކުރާފަރާތުން މައުލޫމާތު ދެއެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ކުދި ކުދި ގިނަ ވިޔަފާރިތަކެއް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު އައްޑޫގެ އެކި ރަށްރަށުން ރައްޔިތުން ނިކުމެ ރަށުގެ އަތިރިމަތި ތައް ސާފުކޮށް ހިތްފަސޭހަ މައިޒާން ތަކަކަށް ބަދަލުކުރަމުން ދާތަން ވެސް ދަނީ ފެންނަމުންނެވެ. ފޭދޫ ސަންނެޓް ބީޗް އަކީ ވެސް ފޭދޫގެ ރައްޔިތުން މި ދުވަސްވަރާ ދިމާކޮށް ހަދާފައިވާ ޗާލު މައިޒާނެކެވެ.