English Edition
Dhivehi Edition
އިންޑިއާގެ ދިއްލީގެ ހޮސްޕިޓަލެއްގައި ބަލި މީހަކަށް ފަރުވާދެނީ. --ފޮޓޯ: ރޮއިޓާސް

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާ އިން އަނެއްކާވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 96،551 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ އެ ގައުމުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 4.5 މިލިއަނަށްވުރެ އިތުރުވެފައެވެ.

އެމެރިކާ އަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން މިހާރު އެންމެ ގިނަ އަދަދަކަށް ތިބި އިންޑިއާ އިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 76 ހާހަށްވުރެ އިތުރުވެފައެވެ. އެ ގައުމުން މި ބަލީން ރަނގަޅުވި މީހުންގެ އަދަދަކީ 3,598,732 އެވެ.

އިންޑިއާގައި އެންމެ ހާލަތު ގޯސްކޮށް އުޅޭ މަހަރާޝްތުރަ ސްޓޭޓުން އެކަނިވެސް މިލިއަނަކާ ގާތަށް މީހުން ޕޮޒިޓިވްވެ، 28 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ. ދެން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީ އަންދުރަ ޕްރަދޭޝް އާއި ޓެމިލް ނާޑޫ ސްޓޭޓުންނެވެ. އަންދްރަ ޕްރަދޭޝް އިން 5 ލައްކައަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، 4،702 އެއްހާ މީހުން ވަނީ މަރުވެފައެވެ. ޓެމިލް ނާޑޫ އިން 480،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 8،154 މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 28.4 މިލިއަނަށް އަރާފައިވާއިރު، މިހާތަނަށް އައިއިރު ގާތްގަނޑަކަށް 915،836 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މުޅީން ރަނގަޅުވި މީހުންގެ އަދަދަކީ 20,446,499 އެވެ.