English Edition
Dhivehi Edition

ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު އާންމުކުރުމާއެކު ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ. ޕްރިންސިޕަލްގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ދާއިމީ މަގާމަކަށް ވިއަސް އާ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ތިބެން ޖެހޭނީ އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަޝިޕުގަ އެވެ. އެގޮތަށް ޕްރިންސިޕަލްގެ މަގާމުގައި ތިބޭ މުއްދަތަކީ ހަތަރު އަހަރެވެ. އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރެވެ.

މި އުސޫލު އާންމުކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަމާ ގުޅިގެން އޭއޯ ނިއުސް އާއި ވާހަކަ ދައްކަވަމުން ޕްރިންސިޕަލަކު ވިދާޅުވީ ކޮންމެ ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި ތިބެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމަކީ މައްސަލައެއް ނޫން ކަމަށާ ނަމަވެސް އެއަށްފަހު ދެން ވަޒީފާއަށް ނިކުންނަން ޖެހޭ ސުކޫލަކީ ރުހުމުގައި ފޮނުވޭ ތަނަކަށްވާން ޖެހޭނެ ކަމަށެވެ. އަދި ފަސް މެންބަރުންގެ ކޮމެޓީއަކުން ޕްރިންސިޕަލުން މަސައްކަތް ކުރާނެ ސުކޫލްތައް ކަނޑައެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށާއި މިހާރު އުސޫލު އޮތް ގޮތުން ޕްރިންސިޕަލުންގެ ހައްގުތައް އެބަ ގެއްލޭކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ. އިންޓަވިއުތަކުން ފާސްވެއްޖެނަމަ އެ މީހަކު ޕްރިންސިޕަލްގެ މަގާމަށް ހޮވުނީ އެވެ. އިތުރު ޕެނަލެއް ނުވަތަ ކޮމިޓީއަކުން މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. ހަމަ އެއާއެކު މީގެ ކުރިން ޕްރިންސިޕަލަކަށް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭނެ އެވެ.

އަލަށް އެކުލަވާލި އާ އުސޫލުގައި ބުނެފައިވާ ގޮތުން އާ އުސޫލު އާއްމުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރަންޖެހެ އެވެ. އަދި ސަރުކާރުގެ ސްކޫލުތަކުގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ އެވެ. ހަަމައެއާއެކު އެ ޕްރިންސިޕަލުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހެއެވެ.

ޓެނުއަޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލް އަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީގެ ގާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައި ވެއެވެ.

މި އުސޫލާ ގުޅިގެން ބައެއް ޕްރިންސިޕަލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އުސޫލެއް އެކުލަވާލި މަގުސަދާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. މިއީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް އެކުލަވާލި އުސޫލެއްތޯވެސް ޕްރިންސިޕަލުން ސުވާލުކޮށްފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ތިއްބަވާ ވައިބަރު ގުރޫޕުގައިވެސް ޕްރިންސިޕަލުން ވަނީ އެކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ގުރޫޕުގައި ޕްރިންސިޕަލުން ވިދާޅުވެފައިވަނީ އާ އުސޫލާއެކު އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށެވެ. އަދި އެންމެ ފަސް މެންބަރުން ތިއްބަވާ ކޮމެޓީއަކުން ބޭނުންވާހާ ގޮތަކަށް ޕްރިންސިޕަލުން އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމަކީ ޕްރިންސިޕަލުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލުގައި ބުނެފައިވަނީ އެ އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމާއި ދިގު މުއްދަތަކަށް އެއް ސުކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. އަދި އައު ހިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސުކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

 

 

4 ކޮމެންޓް
ޔަހުޔާ
ސެޕްޓެމްބަރު 12, 2020
ލީޑިންޓީޗަރުންގެ ދައުރު ކަނޑައެޅިއިރު އެވާހަކަ ދައްކާނެބަޔަކުނެތް ކޮންމެކަމަކައްވެސް ދައުރު މުހިއްމު ޕުރިންސިޕަލުން ތަންތަނުގަތިބެ ކާށިވާއިރު ލިބޭކުރިއެރުމެއްނެތް ބަދަލުކޮށް އާގޮތައް އާޚިޔާލުތައް މިއިދު ސުކޫލުތަކަށް ޢެބަބޭނުންވޭ
ކާސިންޖީ
ސެޕްޓެމްބަރު 12, 2020
ތިޔައުސޫލަށް ވަރަށް ބޮޑަށް ތާއީދުކުރަން ށުކޫލް ތަކުގައި މިހާރު މިވާގޮތަކީ ޕްރިންސިޕަލްގެ ނުފޫޒު އިންތިހާ ކޮރަޕްސަން އެހާބޮޑް ސުކޫލް އަށް މި ވައްދަނީވެސް ޕްރިންސިޕަލް ބޭނުންވާ މީހެއް އޭނާގެ ހަންފެތުރުން ނޫންކަމެއް ނުކުރޭ ހިންހަމަ ނުޖެހޭ މީހަކު ނެގޭހެން ހީވާނަމަ މަގާމަކަށް މީހަކު ނުނަގާ އެބާއްވަވަނީ މިހާރު އެޑިޔުކޭސަންގެ އެއްވެސް ބޭނުމެއްނެއް
އަލީ ނާސިރު
ސެޕްޓެމްބަރު 12, 2020
ޕުރިންސިޕަލް ގެ ވާހަކަތަކަށް ތާޢީދު.
އަލީ ޙާޅިދު
ސެޕްޓެމްބަރު 11, 2020
ހުރިހާ ކަމަކަށް ދައުރު ކަނޑަ އަޅާއިރު އަސްލު ދައުރުގެ އަދަދު އޮންނަންޖެހޭ މަޖިލިސްމެމްމބަރު ކަމަށް ނެތުމުން ހަމަ ހިނިއާދެޭ