English Edition
Dhivehi Edition

ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ.

11 ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހަންމަލް ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި “ގައުމުގެ އިހުސާސް” ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.

“ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ މި ލަވަ ލޯންޗް ކޮށް ދެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދެވެ.

މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔުއްވާފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހައްދަވާފައި ވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް އެ ބަލި ފެތުރުން ހުއްޓުވުމަށް ދިވެހި މީޑިއާތައް އިސް ނަގައިގެން ‘ކޮވިޑް ހުއްޓުވާނީ އަހަރެން’ ނަމުގައި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ފެށި ކެމްޕެއިން ލޯންޗް ކޮށް ދެއްވެވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.