ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ދަށުން “ކޮވިޑް ހުއްޓުވާނީ އަހަރެން – ރައްޔިތުންގެ ކެމްޕެއިން” އެއްފަށައިފިއެވެ.
ރައްޔިތުންގެ ކެމްޕޭންގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް މިއަދު ދިވެހި މީޑިއާގެ ޤައުމީ ކެމްޕޭނުން ވަނީ ހުޅުވާލާފައެވެ.
މި މުބަރާތުގައި ވީޑިއޯ އާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ “ކޮވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯ އާއި ފޮޓޯއެވެ. ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމާ ގުޅޭ ގޮތުން ދޭ މެސެޖާއި އަސަރު ސާފުވާން ވާނެ ކަމަށާއި ފޮޓޯތައް ހުންނަންވާނީ JPG, JPEG or PNG ފޯމެޓްގައި ކަމަށް އަންގާފައިވެއެވެ.
ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެކަމަށާއި ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަން ވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައި ކަމަށް ވެސް އިޢުލާން ކޮށްފައިވެއެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ވަނީ ހަމަޖައްސާފައެވެ. ވަނަވަނަ އަށް ހޮވޭނީ މުބާރާތް ނިމޭއިރު އެންމެ ގިނަ ފޭސްބުކް ލައިކް އަދި ޝެއާ ލިބޭ ވީޑިއޯ އާއި ފޮޓޯ ތަކަށެވެ.
މިކެމްޕޭންގެ ދަށުން ބާއްވާ ވީޑިއޯ މުބާރާތުގެ އެއްވަނަ ވީޑިއޯ އަށް 15،000ރ، 2 ވަނަ ވީޑިއޯ އަށް 10،000ރ އަދި 3 ވަނަ ވީޑިއޯ އަށް 7،000ރ ހުށަހަޅާފައި ވާއިރު، 1 ވަނަ ފޮޓޯ އަށް 10،000ރ، 2 ވަނަ ފޮޓޯއަށް 5،000ރ އަދި 3 ވަނަ ފޮޓޯ އަށް 3،000ރ ކަނޑައެޅިފައިވެއެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ސެޕްޓެމްބަރ މަހުގެ 30 ވާ ބުދަދުވަހުގެ އިރު އޮއްސި 06:00 އެވެ. ތަކެތި ފޮނުވާނީ 7231002 ގެ ޓެލެގްރާމް ނަންބަރަށެވެ.
މިމުބާރާތުގައި ބައިވެރި ކުރާ ތަކެތި، އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ” ކޮވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭނުގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކޮށްގެން ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލެވޭނެއެވެ. ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލާ ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގައެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މީޑިއާގެ ގައުމީ ކެމްޕޭން ސްޓިއަރިން ކޮމެޓީގެ ސްޕޯކްސް ޕާސަން، އަހުމަދު ޒާހިރު (ހިރިގާ) 7771060 އަށް ގުޅުއްވުމަށް ކެމްޕޭން އޮފީހުން އެދިފައިވެއެވެ.