English Edition
Dhivehi Edition

 

ށ.ފޯކައިދޫއިން ފުރައިގެން އެއަތޮޅު މާއުނގޫދޫއަށް ދަތުރުކުރަމުންދިޔަ ޕްރައިވެޓް ފެރީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރި ކަން ފޯރުކޮށްދެއްވައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ “ސޮފްވާން” ނަމަކަށް ކިޔާ އެ ފެރީން އެދުނީ ތެޔޮއަޅައި ދިނުމަށް ކަމަށެވެ. 50 ފޫޓުގެ މި ފެރީ ހުއްޓިގެން އެމްއެންޑީއެފުގެ ނޮދަން އޭރިޔާ ސީޖީ ސްކޮޑްރަން އިން ޙަރަކާތްތެރިވާން ފެށީ މިރޭއިރާކޮޅުގެ ވަގުތެއްގައެވެ. މިދޯނީގެ އިންޖީނު ހުއްޓުނީ ށ. އެކަސްދޫ ކައިރިއަށެވެ.

ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ދޯންޏަށް ފޯރުކޮށްދިނުމުން މިހާރު އެދޯނި މާއުނގޫދޫއަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. އެމްއެންޑިއެފް އަކީ ކަނޑުމަތީގެ ކޮންމެ ޙާދިސާއެއްގައިވެސްގަނޑުގައި ދުއްވާ އުޅަނދުތަކާއި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްކަން ފާހަގަ ކޮށްލެވެއެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ކަނޑުމަތީގެ ޙާދިސާތައް މަދު ކުރުމުގެ ގޮތުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.