English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދަށް އެހެލާފައި ހުރި ދޯނިތަކެއް

 

ފުވައްމުލައް ސިޓީ ބަނދަރުގެ ސްލިޕްވޭ ގައި ހުރި ދޯނިތައް އެސަރަޙައްދުން ނެގުމަށް އަނެއްކާވެސް އަންގާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޢަލީ މަސީޙު ވިދާޅުވެއްޖެއެވެ.

ބަނދަރުގެ ސްލިޕްވޭ އާއި ރޯޔަލް ރެސްޓޯރެންޓާއި ދެމެދު އެހެލާ މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިހުރި ދޯނިތަކާއި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ހުރި ދޯނިތަކުގެ ވެރިންނަށް ތަކުރާރުކޮށް އެތަކެތި ނަގާ ތަން ހުސްކުރުމަށް އަންގާފައިވިޔަސް މިއަދާހަމަޔަށްވެސް އެކަމަށް އެއްވެސް ޙައްލެއް އައިސްފައި ނުވާކަން މަސީޙު ފާހަގަ ކުރެއްވިއެވެ.

އޭއޯނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި މަސީޙު ވިދާޅުވީ 08 ޖުލައި 2020 ގައި އެސަރަޙައްދަށް އެހެލާފައި ހުރި ދޯނި ތައް 10 ދުވަހުގެ ތެރޭ ނަގާ ތަން ސާފުކުރުމަށް ދޯނިތަކުގެ ވެރިންނަށް އަންގާފައިވީ ނަމަވެސް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާކަމަށެވެ. އޭގެ ފަހުންވެސް ދޯނީގެ ވެރިފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް ޙައްލެއް ގެނައުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ވެފައި ވުމާއެކު ދެން ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން އެތަކެތި ނެގުމަށް ކަމަށް މަސީޙު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އެ ސަރަހައްދުގައި އެހެލާފައި ހުރި ދޯނި ތަކުގެ ވެރިންނާއި ސުވާލުކޮށްލުމުން އެ ފަރާތްތަކުން ބުނަނީ ދޯނިތައް އެތަނުން ނަގައިގެންގޮސް ބަހައްޓާނެ އިތުރު ތަނެއް ނެތުމުގެ ދަތި ދިމާވެފައިވާ ކަމަށެވެ. ރަށުގެ ބަނދަރު ސަރަޙައްދުގައި ދޯނިއެހެލާފައި ބަހައްޓާނެ ޖާގަ ދަތިވުމާއި ރަށު ތެރޭގައިވެސް ދޯނިތައް ބެހެއްޓޭނެ ގޮތެއް އަދި ރޭވިފައި ނެތުމުން ސްލިޕްވޭގައި ހުރި ދޯނިތައް އެތަނުން އެހެންތާކަށް ބަދަލު ކުރެވޭނެ ގޮތެއް ނެތް ކަމުގެ ޝަކުވާ އެފަރާތްތަކުން ކޮށްފައިވެއެވެ.

ފުވައްމުލަކަކީ ކަނޑު ދަތުރު ކުރާ ގިނަ އުޅަނދު ތަކެއް ހުންނަ ރަށެއް ކަމުން ފުވައްމުލަކުގެ ބަނދަރުގެ ޖާގައިގެ ދަތި ކަމަކީ ގިނަ ފަރާތްތަކަކުން މެދުނުކެނޑި ކުރަމުން އަންނަ ޝަކުވާއެކެވެ.