English Edition
Dhivehi Edition
ހަނިމާދޫގައި މިއަދު ޖެއްސި އިންޑިއާގެ ނޭވީ މަތިންދާބޯޓު/ފޮޓޯ ސޯޝަލް މީޑިއާ

 

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ 2 ފްލައިޓްގެ ތެރެއިން ބެކަޕް ފްލައިޓް ފުރައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ހަނިމާދޫއަށް ޖެއްސި ދެ ފްލައިޓަކީ ސަވައިލެންސް ޕެޓްރޯލް އޮޕަރޭޝަން ގައި ބޭނުން ކުރާ ފްލައިޓަކާއި އަދި ބެކްއަޕް ފްލައިޓަކަށްވެފައި އާދައިގެ މަތިން ބެކަޕް ފްލައިޓް މިހާރު ފުރާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށްއައީ އިންޑިއަން ނޭވީގެ ޑޯނިޔާ ދެ ފްލައިޓެވެ.

މިއީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ޞަރަހައްދުގެ އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަނަށް އައި ފްލައިޓެއްކަމަށާއި އޭގެ ތެރެއިން އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޙަރަކާތްތެރިވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލްކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯވެސް ބަލާނެއެވެ.