English Edition
Dhivehi Edition

ސްރީލަންކަން އެއާލައިންސް ގެ މަތިންދާ ބޯޓު އައިސް ގަމުގެ ބައިނަލް އަގުވާމީ ބަނދަރުގައި ޖެއްސިއިރު އިމްޖާދު އިނީ ބޭރުން ފެންނަ މަންޒަރު ބަލާށެވެ. ކިތަންމެ ގިނައިން ދަތުރުކުރި ނަމަވެސް ބޯޓު ރަންވޭއަށް ތިރިކުރާއިރު އެފެންނަ ހިތްގައިމު މަންޒަރަކީ ބަލައިފޫހިވާނެ މަންޒަރެއްނޫނެވެ.

“ބޯޓު ލޭންޑްކޮށްފި” ކައިރީގައި ދެލޯމަރާލައިގެން އިން ކިއާރާގެ އަތުގައި ކޮއްޓާލަމުން އިމްޖާދު ބުނެލިއެވެ.

ކުޑަކޮށް ދެލޯ އުނގުޅާލުމަށް ފަހު ކިއާރާ އިމްޖާދާ ދިމާއަށް ބަލައިލިއެވެ.

“ގަޑިން ކިހާއިރެއް؟” ކިއާރާ ސުވާލުކޮށްލި އިރު އަޑުގައި ވަނީ ވަރުބަލިކަމެވެ.

ގަޑިން ވީއިރެއް ބުނުމުގެ ބަދަލުގައި އިމްޖާދު ދައްކާލީ އޭނަގެ އައިފޯނެވެ. އޭރު ހެނދުނު 8 ޖަހައި ބޮޑުވީއެވެ.

ކިއާރާ އަވަސްވެގަތީ އޭނާގެ ހޭންޑް ބޭގުގައި އޮތް ލިޕްސްޓިކް ނަގައި ކުޑަކޮށް ރީތިވެލުމަށެވެ.

“ތީ ކޮންކަމެއް؟” ދިމާކުރާ ރާގަކަށް އިމްޖާދު ބުނެލިއެވެ.

“ކުޑަކޮށް ފްރެޝް ވެލަންވާނެ ނު” ފަރުވާކުޑަ ގޮތަކަށް ކިއާރާ ބުނެލިއެވެ.

“ކޮބާ ބޭނުމަކީ؟ ރީތިކަން ދައްކަންވީ މީހާ މިއިނީ ހަމަ ކާރީގައި. ދެން ކާކަށް ދައްކަން ތި ކުލަ އުނގުޅަނީ؟” އިމްޖާދު ބޭނުންވީ ކިއާރާ އާއި ދިމާކުރާށެވެ.

“ބަލަ އެއާޕޯޓުގައި ކިހާ ގިނަ ބަޔަކު ތިބޭނެ. އަހަރެން ބޭނުމެއްނޫނޭ އިމްޖާދުގެ ވައިފްގެ ގޮތުގައި މީހުންނަށް ފެންނަ އިރު ނިދިމޫނާ ހުންނާކަށް” އިމްޖާދުގެ ވާހަކަތަކަށް ޖަވާބު ދިން އިރުވެސް ކިއާރާ އިނީ ރީތިވާށެވެ.

“އޯހ. އެހެންދޯ. އަނބިކަމަނާ މޫނުގައި އިތުރު ކުލައެއް ނެތަސް ހަމަ ރީއްޗޭ. ކުޑަކޮށް ވަރުބަލިވެފައި ހުރިކަން އެކަނި..” ކިއާރާގެ އަތުގައި ހިފާލަމުން އިމްޖާދު ބުންޏެވެ.

ހަމަ ހަގީގަތުގައި ވެސް އެދެމީހުން ތިބީ ވަރަށް ވަރުބަލިވެފައެވެ. ހަނީމޫންގެ އެއްބައި ދުބާއީގައި ހޭދަކޮށްލުމަށްފަހު ލަންކާއަށް އެމީހުން އައީ އިއްޔެގައެވެ. ރޭ ފަތިހު އަނެއްކާ މިތިބީ ލަންކާ މަގުން އައްޑޫއަށް އައިހެވެ. މިއީ އެމީހުން މިދަތުރު ހަމަ ރާވަން ބޭނުންވި ގޮތެވެ. ހަނީމޫންގެ ބާކީ އޮތް ހަފްތާ އެމީހުން ހޭދަކުރަން ބޭނުންވީ އެދެމީހުންގެ ލޯބީގެ ބިންގާ އެޅިގެންދިޔަ ތަނުގައެވެ. އެއީ ގަމުގައި ހުންނަ އީކުއޭޓަރވިލެޖުގައެވެ…!

އެއާޕޯޓުގެ ޓާމިނަލުން ނިކުތް އިރު ހޮޓަލުގެ ވެހިކަލެއް އެމީހުންބަލާ އައިސް އޮތެވެ. 3 މިނެޓްގެ ކުރު ދަތުރަކަށް ފަހު އީކުއޭޓަރވިލެޖްގެ ޕޯޓިކޯގެ ކުރިމައްޗަށް ވޭން މަޑުކޮށްލައި ޑްރައިވަރު އައިސް އެމީހުން ފައިބަން ދޮރުހުޅުވާލަދިނެވެ.

ސާފުހުދުކުލައިގެ އެ ބިޔަ އިމާރާތުގެ ލޮބީ ކުރިމަތީގައި އެމީހުންނަށް މަރުހަބާ ކިޔުމަށް ތިބި ހޮޓަލުގެ ސްޓާފުން ފެނިފައި އިމްޖާދާއި ކިއާރާ އުފަލުން އެކަކު އަނެކަކަށް ބަލައިލިއެވެ. މިފަދަ ހޫނު މަރުހަބާއެއް ކިޔަން ހޮޓަލުގެ މުވައްޒަފުން ތައްޔާރުވާނެ ކަމަކަށް އެމީހުން ފަހަރެއްގައިވެސް ހިއްޔެއް ނުކުރެއެވެ.

“ތޭންކްސް” ތާޒާ ރަތް ފިނިފެންމަލުން ހަދާފައިވާ މާބޮނޑީގައި ހިފަމުން އުފަލާއެކު ކިއާރާ ބުންޏެވެ.

ހިތްހެޔޮކަމާއި ގާތްކަމާއެކު އެތަނުން ހަދިޔާ ކުރި ހޫނު މަރުހަބާ އިން، ތަނުގެ މުވައްޒަފުންގެ ހިތްތަކުގައިވާ ސާފު ލޯބި އެމީހުންނަށް ވަޒަންކުރެވިގެން ދިޔައެވެ.

ކުރީބައިގައި ބުކިންސް ހައްދާފައި އޮތުމުން އެތަނުގެ މުވައްޒަފަކާއެކީގައި އެމީހުން ތިބޭ ރޫމާ ދިމާއަށް އަވަހަށް ހިނގައިގަތީ ވެފައިތިބި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ލޮބީގެ ކުރިމަތީގައި އޮންނަ ހިތްގައިމު ބަގީޗާގެ ތެރެއިން އަތުގައި ހިފާލައިގެން އިމްޖާދާއި ކިއާރާ ދިޔައީ ކުރިއަށް އޮތް ހަފްތާގައި އެމީހުން މިތަނުގައި ހޭދަކުރުމަށް ހަމަޖެހިފައިވާ 107 ނަމްބަރު ކޮޓަރިއާއި ދިމާއަށެވެ.

މީގެ 4 މަސްކުރިން އިމްޖާދު މިތަނަށް އައީ ދިރިއުޅުމުގެ ހުރިހާއެއްޗެއް ގެއްލި ޙަޔާތުގެ ކުޅިފަސްގެއްލި ވަރުބަލިވެފައިވާ ދަތުރުވެރިއެއް ފަދައިންނެވެ. އޮފީހުގެ މަސައްކަތެއްގައި އައްޑޫއަށް ފޮނުވަން އުޅުމުން އޭނާ އެކަމަށް އެއްބަސްވީ ވެރިރަށް މާލޭގައި އެވަގުތު ހުންނަން ބޭނުންނުވާތީއެވެ. ޓެލެކޮމިޔުނިކޭޝަން ދާއިރާގެ އިސް ވަޒީފާއެއް އަދާކުރަމުން ދިޔަ އިމްޖާދަކީ މިފަދަ ދަތުރުތަކުގައި ގިނަގިނައިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރަން ޖެހޭ ހީވާގި މުވައްޒަފެކެވެ. އަމިއްލަ ދިރިއުޅުމުގައި ޖެހެމުންދިޔަ ކުނިތަކާއި އޮޔާލަމުން ގެއްލެމުން ދިޔަ އަމިއްލަ ޙަޔާތުގެ އެއްވެސް އަސަރެއް އޭނާގެ މަސައްކަތުގެ މާހައުލުން ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. މިވަގުތު އައްޑޫއަށް އަންނަން އިމްޖާދު އެހާ އަވަހަށް އެއްބަސްވި ސަބަބަކީވެސް އެއީއެވެ. ފަހަރެއްގައި ވެސް އެކުގައި އުޅޭ މުވައްޒަފަކަށް އޭނާގެ ހިތުގެ ހާލަތު، މޫނުގެ ތަސްވީރުން ފެނިދާނެތީއެވެ. ދުވަސްކޮޅަކަށް ރަޙްމަތް ތެރިންނާ ވަކިން އެހެންތަނެއްގައި މަސައްކަތް ކުރުމަކީ މި ކަމަށް ލިބޭނެ ހައްލެއްކަމަށް އިމްޖާދު ގަބޫލުކުރިއެވެ.

އެފަހަރުވެސް އިމްޖާދު ހުރީ އީކުއޭޓަރ ވިލެޖްގެ 107 ވަނަ ރޫމުގައެވެ. ދުވާލުގެ ބުރަ މަސައްކަތުން އެންމެ ގަޑިއެއްވެސް އަރާމު ކުރުމުގައި ހޭދަކުރާކަށް އޭނާ ނޫޅެއެވެ. 24 ގަޑިއިރު މަސައްކަތުގައި ބިޒީވުމަށް އިމްޖާދު ބޭނުންވީ ސިކުނޑީގައި ހުޅިލައިނަގަމުން ދިޔަ އަމިއްލަ ޙަޔާތުގެ ބިޔަ ރާޅުތައް މައިތިރި ކުރުމަށެވެ. އެކަންތައްތަކަށް ވަގުތު ހުސްކޮށް ހިތްދަތިކަމުގައި ނުގެއްލުމަށެވެ.

ބުރަ ދުވަހެއްގެ މަސައްކަތަށް ފަހު ރޫމަށް އޭނާ އައިތާވީ ކުޑައިރުކޮޅެކެވެ. އޭރު ގަޑިން 7 ޖަހަނީއެވެ. ހިމަފޮދު ވާރޭވެހެމުން ދިޔަ އެ މޫސުމް ކިތަންމެހައިވެސް ހިތްގައިމެވެ. ޖެހިގެން އޮތީ އަދި ވަރަށް ބުރަ ދުވަހެއް ކަމުން އިމްޖާދު ބޭނުންވީ ރޭގަނޑުގެ ކެއުމަށް ވެސް ނުގޮސް ނިދާލާށެވެ. ނަމަވެސް ކޮޓަރިއަށް ވަންތަނާ ވަރަށް ބޯކޮށް ވާރޭ ވެހިގަތް އަޑު އިވުނެވެ.

ވާރެއަކީ އިމްޖާދުގެ އެންމެ ގާތް އެކުވެރިޔާއެވެ. ވާރޭގެ ތެރޭގައި ތެމިލުމުން ލިބިފައި ހުންނަ ހުރިހާ ލޮޑުކަމެއް ފިލާކަމުގައި އޭނާދެކެއެވެ. އެހެންކަމުން މި ފުރުސަތުގެ ނަގާލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އޮފީސްހެދުން ބަދަލުކޮށް ގަޔަށް އަރާމު ޓީޝާޓަކާއި ސޯޓެއްގައި އޭނާ ބޭރަށް ނިކުތީ ވެހެމުން ދިޔަ ވާރޭގެ ހިތްގައިމުކަމުގައި ގެއްލުމަށެވެ. ރީތި މިޔުޒިކަކަށް ވެހެމުން ދިޔަ ވާރޭގެ ތިކިތައް، ކައިރީގައި ހެދިފައިހުރި ގަސްތައް ތެއްމަމުން ދިޔަ މަންޒަރު ނުހަނު ރީއްޗެވެ. ކޮޓަރިން ނިކުމެ ކައިރީގައި ހުރި ތަނބަށް ލެނގިލައިގެން އެއްއަތް ބޭރަށް ދިއްކޮށްލައިގެން ވެހެމުން ދިޔަ ވާރޭގެ ތިކިތައް އޭނާގެ އަތްތިލައަށް އަޅަމުން އިމްޖާދު ދިޔައެވެ. ކުއްލިއަކަށް އެމަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ވިދާލި އަލިގަދަ ވިދުވަރެވެ. ވިދުވަރާއެކު ބާރު ގުގުރިއެއްގެ އަޑު އިވިގެން ދިޔައެވެ. އެއަޑުގެ ތެރެއިން އަންހެންކުއްޖެއްގެ ބާރު ހަޅޭކުގެ އަޑު އިވިފައި އިމްޖާދަށް ސިހިފައި ބަލައިލެވުނެވެ. އަޑުއައީ އޭނާއާއި ދާދި ގާތުން ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ހީވި ހީވުމެއް ކަމަށް ބަލައި އަނެއްކާވެސް ކުރިމަތިން ފެންނަމުން ދިޔަ ޖާދުވީ މަންޒަރަށް އޭނާގެ ހިތް ދޫކޮށްލިއެވެ.

އަނެއްކާވެސް ވިދުވަރެއްގެ އަލި ފެނުނެވެ. މިފަހަރު ކުރިއަށް ވުރެވެސް އަލިގަދައެވެ. ވިދުވަރުގެ އަލި ނުކެނޑެނީސް ގޮވައިގަތް ބޮންތަކެއްގެ އަޑުފަދައިން ބާރުގަދަ ގުގުރީގެ އަޑެއް އިވުނެވެ. އެއަޑާއެކު އެއްކަލަ އަންހެން އަޑުވެސް އައިހެން އިމްޖާދަށް ހީވިއެވެ. ވިސްނާނެ އިތުރުފުރުސަތެއް ވެސް ނުލިބެނީސް ފެނުނީ އަންހެން ކުއްޖެއްގެ ބާރުގަދަ ދެއަތުން އޭނާގެ ގައިގައި އޮޅުލައިގަތްތަނެވެ. ކުއްލިއަކަށް މިދިމާވި ކަންތައްތައް އޭނާގެ ސިކުނޑިއަކަށް ގަބޫލެއް ވެސް ނުކުރެވުނެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭގައި އެފަދަ ނުގޮތަކަށް އަންހެންކުއްޖަކު އައިސް މިހާގާތުގައި ހުންނާނެކަމަކަށް އޭނާ ހުރީ ތައްޔާރުވެގެނެއް ނޫނެވެ. އެކުއްޖާގެ ހަށިގަނޑު އޭނާގެ ގައިގައި ތަތްކޮއްލައިގެން ހުއްޓާ އަނެއްކާވެސް ވިދުވަރަކާއެކު ގުގުރީގެ އަޑު އިވެންފެށިއެވެ. އަންހެންކުއްޖާ ހަޅޭލަވަމުން އިމްޖާދުގެ ހަށިގަނޑުގައި އިތުރަށް ބާރަށް ހިފެހެއްޓިއެވެ.

ވެގެން އުޅޭގޮތެއް އިމްޖާދަށް ރޭކާލީ އަދިކިރިޔާއެވެ. އޭނާގެ ދެއަތުން އަންހެންކުއްޖާގެ އަތުގައި ހިފައި ގަޔާ ދުރަށް ޖައްސާލިއެވެ. އެކުއްޖާގެ މޫނު ފެނުމުން މިއީ ވަރަށް ވެސް ރީތި ކުއްޖެއްކަމަށް ގަބޫލުކުރަން އިމްޖާދަށް ވެސް ޖެހުނެވެ. ދެލޯ ބޮޑުކޮށްލައިގެން ބިރުވެރިގޮތަކަށް އިމްޖާދަށް ބަލަން ހުރި އަންހެން ކުއްޖާގެ ލޯ އަދިވަކިން ރީއްޗޭ އިމްޖާދުގެ ހިތަށް އެރިއެވެ. އިމްޖާދުގެ ޓީޝާޓުގައި ހިފާފައިވަނީ އަންހެން ކުއްޖާ ޖަހައިގެން ހުރި “ގުޑް ގާލް” ސެންޓުގެ މީރު ވަހެވެ.

-ނުނިމޭ-