ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ދިއްދޫ ކައުންސިލުން މިއަދު ނެރުނު ޚާއްސަ ދެންނެވުމެއްގައި ބުނެފައި ވަނީ އެ ރަށު ފްލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައި ވަނީ ކިތައް މީހުންކަން ކައުންސިލުން ހާމަކޮށްފައި ނުވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ތިން މީހެކެވެ.
އެކަމާ ގުޅިގެން ކައުންސިލުން އިތުރަށް ބުނީ ފްލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މީހަކާ ސީދާ ކޮންޓެކްޓް ވެފައިވާ ފަރާތެއް ހުރިނަމަ، އެކަން 7285536، 7255548، 9531204، 9531203 އަދި 9550053 ނަންބަރު ފޯނަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް އެއްވެސް މީހަކު ނުދިއުމަށާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތްތައް ކުރުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.
ރާއްޖެއިން މިހާތަނަށް 8،486 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 5،822 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 2،629 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދަނީ 168 މީހެކެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 119،460 ސާމްޕަލް ނަގާފައިވާއިރު، 29 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފައެވެ.