މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފުރަތަމަ މަސައްކަތަކަށް ވާނީ އަސާސީ ޤަވާއިދު އިސްލާހުކުރުން ކަމުގައި އެ އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ހަމްދޫން ވިދާޅުވެއްޖެއެވެ.
ހަމްދޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓުތަކެއްގައެވެ.
ނޫސްވެރިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދީ ނޫސްވެރިންނަކީ ހަމަތައް ހިފަހައްޓައި، ތަހުޒީބީ ނޫސްވެރިކަމެއްކޮށް އާއްމުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހެދުމަކީ އަމާޒެއް. އަދި ތަފާތުތައް ނައްތާލައި ދެޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރެވޭނެ.
— Mohamed Hamdhoon (@MohamedHamdhoon) September 6, 2020
އެގޮތުން ހަމްދޫން ވިދާޅުވީ އެންމެ ބޮޑު އުފަލަކީ ވަޅު ޖެހިފައި އޮތުމަށްފަހު ޖަމިއްޔާ އަލުން ހިނގައިގަތުން ކަމަށާއި، އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ޢާންމު މެންބަރުންގެ ވިސްނުމާ އެއްގޮތަށް އަސާސީ ޤަވާއިދު އިސްލާހުކުރުން ކަމަށެވެ.
“އެގޮތުން މުއައްސިސުން އެކްސްކޯގައި ނުތިބޭ ގޮތަށް ގަވާއިދު ބަދަލުކުރުމަކީ ވައުދެއް. އަދި ޖަމިއްޔާގެ ހިންގުމަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެވޭނެ”، ހަމްދޫން ވިދާޅުވި އެވެ.
މީގެ އިތުރުން ހަމްދޫން ވިދާޅުވީ ނޫސްވެރިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދީ، ނޫސްވެރިންނަކީ ހަމަތައް ހިފަހައްޓައި، ތަހުޒީބީ ނޫސްވެރިކަމެއް ކޮށް ޢާންމުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހެދުމަކީ އަމާޒެއް ކަމަށާއި، ތަފާތުތައް ނައްތާލައި ދެޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް މަސައްކަތްކުރެވޭނެ އެވެ.
އެމްޖޭއޭގެ ހިންގުން މެދު ކަނޑާލިތާ އަހަރުތަކެއް ފަހުން 130 ނޫސް ވެރިންނާއެކު އޮންލައިންކޮށް އިއްޔެ ބޭއްވި އެ އެސޯސިއޭޝަންގެ ޢާންމު ބައްދަލުވުމުގައި ވަނީ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ އަށް މެންބަރުން އިންތިޚާބުކޮށްފައެވެ. އެގޮތުން އެމްޖޭއޭގެ ރައީސް ކަމަށް ހަމްދާން އިންތިޚާބުކުރިއިރު، ނައިބު ރައީސް ކަމަށް އަލީ ރިފްޝާން ވަނީ އިންތިޚާބުކޮށްފައެވެ.
މީގެ އިތުރުން ޖެނެރަލް ސެކްރެޓީ ކަމަށް ސަން އޮންލައިންގެ އަޙްމަދު ނާއިފް އާއި، ބަޖެޓު ސެކްރެޓަރީ އަކަށް ޖަޒީރާ ނިއުސްގެ ނާޒިމް ހަސަން އާއި ޢާންމު މެންބަރުންގެ ގޮތުގައި ފްރީލާންސް ޖާނަލިސްޓް، މުޙައްމަދު ޖުނައިދު ސަލީމް އަދި ސީއެންއެމްގެ ފާތިމަތު ސާޔާ ވަނީ ހޮވައިފައެވެ.