English Edition
Dhivehi Edition
ޤާސިމް އިބްރާހިމް، ރައީސް ޞާލިޙް އާއެކު - ފޮޓޯ: ޓްވިޓާ (އަލީ ޞާލިޙް / ޖޭޕީ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ، ޤާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފިއެވެ.

އެގޮތުން ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި ހިތްވަރުދީ ހެދިގެން ނުވާނެ ކަމަށެވެ.

އަދި ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ޢާންމު ޓީވީއެއްގައި ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް އެ ޓްވީޓްގައި ޤާސިމް ވިދާޅުވެފައި ވެއެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް މިހާރު ތަޙުޤީޤުކުރަމުންދާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13 އިން ލައިވް ކޮށްފައިވާތީ، އެ މައްސަލަ ބަލާނެ ކަމުގައި ހާމަކޮށް ޓުވީޓް ކުރައްވާފައެވެ.

ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން މީހަކު ގޮވާލީ ބުރާސްފަތި ދުވަހު މެންދުރު 1:00 ޖެހިއިރު “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޗެނަލް 13 އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް މިކަން ކުށްވެރިކޮށް އެތައް ބަޔަކުދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޗެނަލް 13 އިން މިހާރުވަނީ މަޢާފަށް އެދި ބަޔާނެއް ނެރެފައެވެ. އޭގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް 13 އިން ވަނީ މައާފަށް އެދިފައެވެ. މީގެ އިތުރުން އެ ޗެނަލުން ބުނީ، ޗެނަލް 13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ސްޓޭޝަނަށް ބެލުންތެރިން ކުރާ އިތުބާރާއި ދެމުންދާ އެއްބާރުން ޗެނަލް 13 އިން ވަނީ ފާހަގަކޮށްފައެވެ.