English Edition
Dhivehi Edition

ރިޔާސ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އެ ޕާޓީ އިން މިހެން ބުނީ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބީ ޙާޞިލް ކުރެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނޭ ކަމަށެވެ.

މީގެ އިތުރުން މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާއި ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢުލާން ކުރާނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ.