English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) މެދުވެރިވެގެން ، ޗައިނާގެ ޔަންގްޒޫ ޕޮލިޓެކް ޔުނިވަރ ސިޓީ (ވައިޕީޔޫ) ގެ 3 ސްކޮލަރޝިޕެއް އައްޑޫސިޓީގެ 3 ދަރިވަރަކަށް ހޯދައިދީފިއެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށޭ މި ސްކޮލަރ ޝިޕަށް ހޮވިފައިވަނީ އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫ އަދި މަރަދޫގެ ކުއްޖެކެވެ. މީގެ ތެރެއިން 2 ސްކޮލަރ ޝިޕަކީ ސީއެމްސީއޭއިން އައްޑޫވިމެންސް އެސޯސިއޭޝަނަށް ދެއްވެވި 2 ފުރުސަތުގެ ތެރެއިން އެ އެސޯސިއޭޝަނުން ނޮމިނޭޓް ކުރި 2 ދަރިވަރުންނެވެ. އެއީ ސ.ހިތަދޫ ސީޑަމް ތަބައްސުމް މުޙައްމަދާއި ސ.މަރަދޫ މަހިނޫރު މިފްޒާލް ޙުސެއިން ޝަފީގެވެ.

3 ވަނަ ސްކޮލަރޝިޕް އަކީ ސީއެމްސީން އޭއޯ ނިއުސް އަށް ދެއްވި ފުރުސަތެކެވެ. އޭއޯ ނިއުސް އިން މި ފުރުސަތު ދީފައިވަނީ ނޫހުގެ ވެބްމާސްޓަރ ގެ ގޮތުގައި 6 އަހަރުވަންދެން މަސައްކަތް ކޮށްފައިވާ ސްޓާފެއް ކަމަށްވާ ސ.ހުޅުދޫ ގިލްވިލް ޕާކް އަޙްމަދު އިމްރާނަށެވެ.

އިންފޮމޭޝަން ޓެކޮނޮލޮޖީ އަދި ޖާނަލިޒަމްގެ ކޯސްތަކުގައި ވައިޕީޔޫ ގައި މި ދަރިވަަރުން 3 އަހަރު ހޭދަކުރާއިރު އެންމެ ފުރަތަމަ އަހަރު ހޭދަކުރާާނީ ޗައިނީޒް ބަސް ކިޔެވުމުގައެވެ.

ސްކޮލަރޝިޕް ލިބުނު ދަރިވަރުން އަންނަ ސެޕްޓެމްބަރު މަހު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ މޯލްޑިވްސް އެސޯސިއޭޝަންއާއި ޗައިނާގެ ޔަންގްޒޫ ޕޮލިޓެކް ޔުނިވަރ ސިޓީއާއެކު އިއްޔެ ވަނީ ކަލްޗަރަލް އެކްސްޗޭންޖް ސްކޮލަރޝިޕް ޕްރޮގްރާމުގެ އެމްއޯޔޫގައި ސޮއިވެސް ކޮށްފައެވެ. އިއްޔެ ވައިޕީޔޫ ބޭއްވެވި ބައްދަލު ވުމުގައި ސީއެމްސީއޭ ގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވެވީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަޝީދެވެ.

އޭއޯނިއުސް އަށް މައުލޫމާތު ދެއްވަވަމުން ސީއެމްސީއޭގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މި އެމްއޯޔޫގެ ދަށުން އެންމެ ފުރަތަމަ ސްކޮލަރޝިޕް ލިބުނު ކެންޑިޑޭޓުންނަކީ އައްޑޫގެ ދަރިވަރުންނަށް ވުން އެއީ ވަރަށް ބޮޑަށް ފާހަގަކުރައްވަވާ ކަމެއް ކަމަށެވެ.

މިހާރުވެސް ސީއެމްސީއޭ އިން ވަނީ ކަލިނަރީ ޕްރޮފެޝަނަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 2 ޝެފުން ޗައިނާގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯއްދަވައިދެއްވަވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ 2 ސްކޫލެއްގެ ދަރިވަރުން ކަލްޗަރަލް އެކްސްޗޭންޖިން ދަށުން ޗައިިނާއަށް ފޮނުވާފައިވެއެވެ.

ރަޝީދު ވިދާޅުވީ ސޮއިކުރެވުނު އެމްއޯޔޫ އާއެކު މިފަދަ ގިނަ ޕްރޮގްރާމުތައް ކުރިއަށް އޮތްތަނުގައި ގިނަވެގެންދާނެ ކަަމަށާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.