English Edition
Dhivehi Edition
ރައީސް ސޯލިހް/ފޮޓޯ: ރައީސް އޮފީސް

ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ ބޭނުންފުޅުވަނީ 11 ނޮވެމްބަރު ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިޔަށް ދާނެ ގޮތުގެ މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ނޮވެމްބަރު 11 ގައި ހުވާކުރެއްވުމުގައި ޤާނޫނީ ގޮތުން އޮތް ހައްލަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުވެސް އެދިވަޑައިގަންނަވަނީ، އިންތިޚާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނޭ ގޮތް ހަމަޖެހިގެން ދިޔުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމުގައެވެ.