ކ. ގުރައިދޫގައި ކަރަންޓީނާ ޚިލާފުވި މީހަކު 2،500ރ. އިން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގުރައިދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 39 އަހަރުގެ ފިރިހެނަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ކަރަންޓީނުގެ އުޞޫލުތަކާ ޚިލާފުވެގެން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިއީ އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ދަށުން ކަރަންޓީނާ ޚިލާފުވެގެން މިގޮތަށް މީހަކު ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
ފުލުހުން ވަނީ ކަރަންޓީނު ކުރާ ފަރާތްތަކާއި، އެކަހެރި ކުރެވޭ ފަރާތްތަކުން ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ.
އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ކަރަންޓީނާ ޚިލާފުވާ ފަރާތްތައް އަމުރާ ޚިލާފުވާ ފުރަތަމަ ފަހަރު 2،500ރ. އިން އަދި ދެވަނަ ފަހަރު 3،500ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އަމުރާ ޚިލާފުވާ ތިންވަނަ ފަހަރު 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ.