އައްޑޫސިޓީގެ ތަޢުލީމަށް މިއަދާއި ޖެހެންދެން ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދެވި ހިތަދޫ ސްކޫލްގެ ބާނީ ހިތަދޫ ސްނޯވައިޓް ޢަލީ ވަޙީދު އަވަހާރަވެއްޖެއެވެ. ޢަލީ ވަޙީދު އަވަހާރަވީ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރާއްޖެއިން ބޭރުގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 70 އަހަރެވެ.
ޢަލީވަޙީދަކީ އައްޑޫސިޓީ ގައި ފުރަތަމަ ފަހަރަށް ޒަމާނީ ތަޢުލީމުގެ ބިންގާ އަޅުއްވައިދެއްވުމުގައި ސާބިތުވެ ހުންނެވި ޚިދުމަތްތެރި މުރްޝިދެކެވެ.
މާލޭ މާވަޑި އާއިލާއަށް އުފަން ޢަލީވަޙީދު މަޖީދިއްޔާ ސްކޫލުން ތަޢުލީމް ޙާސިލް ކުރައްވައިގެން ލިބިލެއްވި ކޯހެއްގައި ބޭރުން މަތީ ތަޢުލީމު އުނގެނުމަށްފަހު ޙަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އައްޑޫސިޓީގައެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަމިއްލަ އެއް ސްކޫލްކަމަށްވާ ހިތަދޫ ނޫރާނީ ސްކޫލްގެ ޓީޗަރެއްގެ މަޤާމުން އޭނާގެ ޚިދުމަތް ފެއްޓެވުމަށްފަހު އެކުވެރިންތަކަކާއެކު އަމިއްލަ ސްކޫލެއް އައްޑޫ އިންގްލިޝް ސްކޫލްގެ ނަމުގައި ހިތަދޫ ކޮމެންޑޫގޭގައި އޭނާވަނީ ހުޅުއްވައިގެން އައްޑޫގެ އެތައް ދަރިންތަކަކަށް އެފުރާޅެއްގެ ދަށުން ޒަމާނީ ތަޢުލީމާއި ހުނަރު ދަސްކޮށްދެއްވާފައެވެ.
އެސްކޫލާއި އަދި އަމިއްލަ ޙަޔާތްޕުޅާއި ބެހޭގޮތުން މީގެ 8 އަހަރު ކުރިން އޭއޯ ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޢަލީ ވަޙީދު ވިދާޅުވީ އޭނާ އެމަސައްކަތް ފެއްޓެވީ އޭނާއަށް އެނގިހުރި އެއްޗެއް އެހެން އެންމެންނަށްވެސް ދަސްކޮށްދީ އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދީ ތަޢުލީމީ ޖީލެއް ބިނާކޮށްދިނުމަށް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އޭރުވެސް ނޫރާނީ ސްކޫލް ހުޅުވި އެތަނުގެ ޚިދުމަތް އެދެވޭ ގޮތެއްގައި އައްޑޫއަށް ލިބެމުން ދިއުމާއެކު އިތުރަށްވެސް ޖާގައިގެ ދަތިކަމާއި ތަނަވަސް ކަން ނެތުމުން އުނގެނުމުގެ ފުރުސަތު ލިބިފައިނެތް އެތައް ކުދީންތަކަކަށް އެފުރުސަތު ފަހި ކޮށްދީ ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްސަދުގައިކަމަށެވެ.
މިމަޤްސަދާއެކު ޢަލީ ވަހީދު ފެއްޓެވި ޚިދުމަތުގެ ތެރޭ އައްޑޫއިންގްލިޝް ސްކޫލް ގެ އިތުރުން އޭނާވަނީ ފޭދޫ ޑީއެންސީ މަދަރްސާ ހިންގެވުމުގައި އިސް ކޮށް ހުންނަވައިގެން ފޭދޫގެ އެތައް ދަރީންތަކަކަށް ތަޢުލީމް ފޯރުކޮށްދެއްވާފައެވެ.އޭނާގެ ދަރިވަރުން ގެ ތެރޭގައި ރާއްޖޭގެ ފެންވަރުގައިވެސް ވިދާލާފަދަ ހުނަރުވެރި އެތައް ދަރީން ތިބިއިރު ގަމުގެ އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދަކީވެސް އޭނާގެ ދަރިވަރެކެވެ. މުޙައްމަދު ވަހީދު، ޢަލީ ވަހީދު ސިފަ ކުރައްވަނީ އައްޑޫގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމުގެ ކުޅަދާނަ މޭސްތިރިއެއްގެ ގޮތުގައެވެ.
ޢަލީ ވަޙީދަކީ ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއްގެ ބޭފުޅެއް. ހުރިހާ ޢުމުރެއްގެ މީހުންނާވެސް ގާތްގުޅުމެއްބާއްވާ އިޚްލާސްތެރިއެއް. އިނގިރޭސިބަހަށް ކުދިން އަހުލުވެރި ކުރުމުގެ އިތުރަށް އެންމެ ފުރަތަމަ ކެޑޭޓާއި ގާލްގައިޑް އަދި އެތްލެޓިކްސް އާއި ޖިމްނާސްޓިކް އައްޑުއަށް ތަޢާރަފް ކުރެއްވީ ވެސް ޢަލީ ވަޙީދު. އެއީ އިނގިރޭސީން ވެސް ގަމުގައި އުޅުނު ދުވަސްވަރަށް ވެފައި އެމީހުންނާވެސް ގާތްގުޅުމެއް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން ތަޖްރިބާ ހޯދުމުގެ ގޮތުންނާއި ގަމުގައި ހިނގާ ކަންތައްތައް ދައްކާލުމަށް ޢަލީވަހީދު ވަނީ ދަރިވަރުން ނާއެކު ގަމުގައި ސްޓަޑީ ޓުއަރ ތައް ބާއްވާފަ. އެއީ ވެސް ވަރަށް ގިނަ މަޢުލޫމާތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމެއް.
މުޙައްމަދު ވަޙީދު
.
ޢަލީ ވަހީދު ހިތަދޫގައި ޤާއިމް ކުރެއްވި އައްޑޫ އިންގްލިޝް ސްކޫލްގައި ފުރިހަމަ 10 އަހަރު ހޭދަކުރެއްވުމަށްފަހު އަނެއްކާވެސް މަތީތަޢުލީމާއި ތަމްރީނަށް ރާއްޖޭން ބޭރަށް ފުރާ ވަޑައިގަންނަވަން ޖެހުނެވެ. ބޭރުގައި ހުންނެވި މުއްދަތުގެ ތެރޭ އެ ސްކޫލްގެ ނަން މިހާރުވެސް ހިތަދޫގެ އެތައް ދަރީންނެއް ތަޢުލީމު އުނގެނެމުން އަންނަ ހިތަދޫ ސްކޫލަށް ބަދަލުވެ އެތަން ސަރުކާރު ސްކޫލަކަށްވެސް ފަހުން ހަމަޖެހިގެން ދިޔައީއެވެ.
މިހާރުވެސް ހިތަދޫސްކޫލްގެ ދަރިވަރުން ސްކޫލް ލަވައެއްގެ ގޮތުގައި ބޭނުން ކުރަމުންދާ “ފިދާވެދާނީ. ސްކޫލް ހިތަދޫ…” މިލަވައަކީ އައްޑޫ އިންގްލިޝް ސްކޫލުގެ ސްކޫލް ލަވައިގެ ގޮތުގައި އަލީވަހީދު އަލިއްލަފުޅަށް ހައްދަވާ އެސްކޫލްގައި ބޭނުންކުރި ލަވައެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އަލީވަހީދުގެ ޚިދުމަތް އަނެއްކާވެސް އައްޑުއަށް ލިބެންފެށިއެވެ. އެވްރީވަންސްލާނިން ސެންޓަރުގެ އައްޑޫގޮފީގެ މެނޭޖަރެއްގެ ގޮތުގައި އަލީވަހީދުގެ ނަން އަނެއްކާވެސް އައްޑޫގެ ދަރީންގެ ހިތްތަކުގައިފަވާލީ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުން ފެށިގެން ހުރިހާ ޢުމުރެއްގެ މީހުންނަށް ދާންބޭނުންވާ މިސްރާބަށް ވާސިލް ވެވޭނެ ފަދަ އުނގަންނައި ދިނުމެއްގެ ތެރެއިންނެވެ. މިއަދާ ޖެހެންދެން ވެސް އޭނާގެ ޚިދުމަތް އައްޑޫގެ ތަޢުލީމީ އުދަރެހުން ފިލައިގެނެއް ނެދެއެވެ.
އައްޑޫސިޓީގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ އިބްރާހިމް ފިރާޤު އޭނާގެ ފޭސްބުކުގައި ވިދާޅުވީ އޭނާގެ ވަރަށް ގާތް އަޚް އަދި ކުދިންގެ އުސްތާޛު ޢަލީ ވަޙީދަކީ އައްޑުއަތޮޅުގެ ތަޢުލީމީ ދުވެލީގެ މައި ހުންގާނު ކަމުގައި ބުނެވިދާނެ ކަމަށާއި އެއީ ޙަޔާތުގެ ހުރިހާ ދުވަސްވަރެއް އުފެއްދުންތެރި ތަޢުލީމީ ޒުވާނުން ބިނާކުރެއްވުމުގައި ހޭދަކުރެއްވި ބޭފުޅެއްކަމަށެވެ.
ޢަލީ ވަޙީދު އަވަހާރަވިހިތާމަވެރި ޚަބަރާއެކު އެތައް ބަޔަކުދަނީ ސޯޝަލް މީޑިއާގައި މަރްޙޫމަށް ހެޔޮދުޢާކޮށް ތަޢުޒިޔާގެ މެސެޖްތައް ޕޯސްޓް ކުރަމުންނެވެ.
މި މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި މާތްﷲގެ ހަޟުރަތަށް ދުޢާ ދަންނަވަމެވެ. އަދި އެމަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.