English Edition
Dhivehi Edition

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ.

އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލާފައި ވަނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު، އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި ފުރަތަމަ 10 ދުވަސް ތެރޭގައި ރާއްޖެ އައިސްފައި ވަނީ 904 ފަތުރުވެރިންނެވެ.

މީގެ ކުރިންވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެންނާއި އެކި ގޮތްގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.