English Edition
Dhivehi Edition

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ. އެ ތިން ބިދޭސީންނަކީ ވެސް ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ. އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ ވަކިވަކިންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނި ގޮތުގައި އޭގެ ތެރެއިން އެކަކު ކާކުކަން އޮޅުވާލައިގެން ރާއްޖެ އަށް އެތެރެވާން އުޅުނީ މިދިޔަ ޖުލައި މަހުގެ 31 ގަ އެވެ. އަނެއް ދެ މީހުން ހިފެހެއްޓީ މިދިޔަ އޮގަސްޓް މަހު އެވެ.

އެއީ ކޮން ގައުމަކުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބައެއް ކަމެއް ސާފެއް ނޫނެވެ. އެ ތިން މީހުން ފޮޓޯ މިއަދު އާންމުކުރިއިރު އެމީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

ތިން ބިދޭސީން ޤަވައިދާ ޚިލާފަށް އެތެރެވާން މަސައްކަތްކޮށްފައިވާއިރު މިފަދައިން ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްވެސް ވަނީ މީގެކުރިން ވަރުގަދަކޮށްފައެވެ. އަދި މީގެ ކުރިން ވެސް ރާއްޖެ އަށް އެހެން މީހުންގެ ޕާސްޕޯޓު ބޭނުންކޮށްގެން މީހުން އެތެރެވާން މަސައްކަތްކުރުމުން ހިފަހައްޓާފައިވެ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެ، އަދި ވިޔަފާރި ކުރާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.