English Edition
Dhivehi Edition

ދިވެހިރާއްޖޭގެ މަސްވެރިންނަށް ހާއްސަކޮށްގެން ޑައިވަރ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސައުތު މޯލްޑިވްސް ޑައިވަރސްގެ މެނޭޖަރ އަފްޒަލް ރަޝީދު ވިދާޅުވެއްޖެއެވެ.

އަފްޒަލް ވިދާޅުވީ، މިހާރު ރާއްޖޭގައި ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުމާއި މަސް އައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ފަދަަ ވައިގެ އުޅަނދެއް ބޭނުންކުރުން މަނާކޮށް، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު އާންމުކޮށް، އަމަލުކުރަން ފަށާފައިވާތީ މަސްވެރިންނަށް ޑައިވިނގް ކޯސް ހެޔޮއަގެއްގައި އަދި ވިޔަފާރިއަކަށް ވުރެން ހިދުމަތެއްގެ ގޮތުގައި މިކޯސްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.

އަފްޒަލް އިތުރަށްވިދާޅުވީ، ހުރިހާ މަސްވެރިންނަށް ޑައިވިންގ ކޯސް ހެދުމަކީ ފަސޭހަކަމަކަށް ނުވާއިރު ސައުތު މޯލްޑިވްސް ޑައިވާސް އިން އިސްނަގައިގެން މިކޯސްތައް ހިންގަން ނިންމާފައިވާއިރު މިކޯސްކުރިއަށް ގެންދާނީ ދިވެހިބަހުންކަމަށެވެ.

3 ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޑައިވާރސް ކޯސްތަކަކީ:

  • އޯޕެން ވޯޓަރ ޑައިވަރސް ކޯސް3500ރ
  • އެޑްވާންސް އޯޕެން ޑައިވަރސް ކޯސް 3000ރ
  • އޯޕެން ވޯޓަރ އަދި އެޑްވާންސް އޯޕެންވޯޓަރ ޑައިވަރސް ކޯސް 6000ރ އަށެވެ.

މިކޯސްތައް ކުރިއަށް ގެންދާނީ ސައުތު ޑައިވަރސްގެ ތަޖުރިބާކާރު ޑައިވަރުންނެވެ. ކޯހުގައި ބައިވެރިވުމަށް އިތުރު މައުލޫމާތު ހޯއްދެވުމަށް 7933088 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

މިހާރު ގެޒެޓުކޮށްފައިވާ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ބުނެފައި ވަނީ ގައުމީގޮތުން ނުވަތަ ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

ފީނުމުގެ ހަރަކާތެއްގައި، އެކަމުގެ ސެޓުފިކެޓެއް ނެތި ހަރަކާތްތެރިވެއްޖެ ނަމަ، 5000 ރުފިޔާއިން ޖޫރިމަނާކުރެވޭ އިރު، ފީނުމުގެ ސެޓުފިކެޓެއް ލިބިފައި ނެތް ފަރާތެއް، ފީނުމުގެ ހަރަކާތެއްގައި ބައިވެރިވެރިކުރުވައިފި ނަމަ، ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ނަމަ 5000 ރުފިޔާއިން އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާގަގަވާއިދުގައި ބުނެފައި އެވެ.