English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫގައި މުޒާހަރާ ކުރާ މަސްވެރިންނާ ބައްދަލުކުރުން:-

މަސްވެރިން މަސްކިރުވުމަށްފަހު ތިން މަސް ދުވަސް ވީއިރު ވެސް މިފްކޯއިން ފައިސާ ނުދޭތީ މުޒާހަރާ ކުރާއިރު, އެ ފައިސާ ނުދެވިގެން އުޅެނީ ދައުލަތުގައި ފައިސާ ނެތިގެންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެެެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ, މަސްވެރިނަށް ދެންޖެހޭ ފައިސާ ހޯދުމަށް ދިވެހި ދައުލަތުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ އެތެރެއިންވެސް އަދި ރާއްޖެއިން ބޭރުންވިއަސް ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭކަމަށް ވިދާޅުވާ ވާހަކަ މިނިސްޓަރު މިއަދު މަޖިލީހުގައި ތަކުރާރުކިރެއްވިއެވެ.

“ދައުލަތުގަ ފައިސާ ނެތިގެން މިއުޅެނީ. ދައުލަތައް ފައިސާ ހޯދަން މަސައްކަތްކުރާތީ އަޅުގަނޑަށް ދަންނަވަން މިކެރެނީ ސައްވީހުގެ ކުރިން މިހާރު މަސްވެރިންނަށް ނުދައްކައި އޮތް 100 މިލިއަންރުފިޔާ އެބަ ދެމޭ. އެނގިވަޑއިގަންނަވާނެ ހަމަރަނގަޅަށް އާމްދަނީގެ ގޮތުގައި ނުވަންނަކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނީ ލޯނު ނުވަތަ ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދަން. އެއްގޮތަކީ ރައްޖޭން ހޯދުން އަނެއްގޮތަކީ ބޭރުން ހޯދުން,” މިނިސްޓަރު ވިދާޅުވިއެވެ.

މިއަދަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މުޒާހަރާ ކުރަމުން ގެންދާ ތިން ވަނަ ދުވަހެވެ. އަދި މަސްވެރިން މިހާރު އަންނަނީ ކޫއްޑޫއާއި އައްޑޫ ގައިވެސް މުޒާހަރާ ކުރަމުން ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.