އިންޑިއާ ސަރުކާރުގެ ގްރާންޓް އެހީގެ ދަށުން އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް އެކަޑަމީ އަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ނޫންކަމަށާއި އެތަނުގެ މަސައްކަތް އެއްކޮށް ނިމުމުން ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓިވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި ހަދާ ޕޮލިސް އެކަޑަމީގެ މަސައްކަތް އެއްކޮށް ނިމުމުން ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި އެތަނުގައި އެއްވެސް ވަރަކަށް އިންޑިއާގެ އަސްކަރިއްޔާގެ މަސައްކަތްތަކެއް ހިންގުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް އައްޑޫގެ ތަރައްގީއަށް އިންޑިއާއިން ބޮޑު ހޭދައެއް ކުރަމުން އަންނަކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މި ކަމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ބޮޑު ފައިދާއެއްކުރާނެ ކަމެއްކަމަށެވެ.
އައްޑޫ ސިޓީގެ ތަރައްޤީ އަށް މި ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގެ ވަކިވަކި ރަށްތަކަށް ބެލި ނަމަވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން ހިންގާފައިނުވާވަރުގެ ގިނަ މަޝްރޫއުތައް އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި މި ސަރުކާރާުން ހިންގަމުންދާކަމަށެވެ.
“އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓްތަކާއި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ވާހަކަ އަޑު އިވުމުން އައްޑޫ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ” އިތުރަށް ރޮޒައިނާ ވިދާޅުވީސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައިސްފައިވާނުވާ ކަމަށާއި މިހާލަތުގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ހައްގެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.