English Edition
Dhivehi Edition

އައްޑޫސިޓީން އާމްދަނީ ގެއްލިފައިވާ ކޮންމެ ރައްޔިތަކަށް 5000ރުފިޔާގެ އެލަވަންސެއް ދެއްވުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އައްޑޫސިޓީގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރަމުން އައި ހުރިހާ މަސައްކަތެއް ނެތި ފަނާވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީއިން ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ދިވެހި ރާއްޖެއަށް ގެނައި އިޤްތިސާދީ ތަރައްޤީން އައްޑޫ އެކަހެރިކޮށް މިއަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކުގެ ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ދެމެހެއްޓެނިވި އިޤްތިސާދީ ދިރުމެއް ނުގެނެސް ފަޅުތަނެއްގެ ގޮތުގައި ތާ އަބަދު ބާއްވާފައި އޮތުމީ އައްޑުއަތޮޅުގެ ތަރައްޤީއަށް ދެވިފައިވާ އެންމެ ބޮޑު ދެރަކަން ފާހަގަ ކޮށްފައި ވެއެވެ.

އައްޑުއަށް ފަތުރުވެރިކަމުގެ ވިޔަފާރި ތަޢާރަފްކޮށް ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި އެވިޔަފާރި ކުރިއަށް ގެންދެވޭނޭ މަގުވެސް ދައްކާފައި ނުވާ ކަން ފާހަގަ ކުރައްވަމުން މިދެންނެވި ޙާލަތްތައް ދިގުދެމިގެން ގޮސްފައިވާތީ އައްޑުއަތޮޅުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތި ޙާލަތްތަކަށް ދިވެހި ދައުލަތާއި ސަރުކާރުގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކުގެ ޒިއްމާ އޮތް ކަމަށް ޤަބޫލު ކުރެވޭތީ މިސަބަބާހެދި އައްޑުއަށް ޓީމެއް ފޮނުވައިގެން ނަމަވެސް އަތޮޅުގެ ރައްޔިތުންގެ ޙާލަތު ބެއްލެވުމަށް އެބަޔާނުގައި އެދިފައިވެއެވެ.

އައްޑޫގެ ކޮންމެ ރަށަކުން 2 މެންބަރުންނާއެކު އުފެދިފައިވާ އޭޑީސީ ޖަމްޢިއްޔާއިން، އައްޑު އަށް ތަރައްޤީ ނުގެނެވިގެން އުޅޭ ސަބަބުތައް ހޯދާ ދިރާސާ ކުރެއެވެ. ތަޖްރިބާކާރުންގެ އެހީއާއެކު އައްޑޫ ތަރައްޤީ ކުރުމަށްޓަކައި ބޭނުންވަނީ ކޮން ކަމެއްތޯ ހޯދާ ބަލައެވެ. ފަތުރުވެރިން އައްޑޫއަށް އަންނަން ޖެހޭ ސަބަބުތަކަކީ ކޮބައިތޯ އޮޅުންފިލުވާ އެކަމުގައި ހުރި ދަތިތައް ޙައްލު ކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކޮށް އެކަން ޢާއްމުންނާ ހަމަޔަށް ތިލަކޮށް ދިނުމުގައި ވެސް އޭޑީސީ މުހިއްމު ދައުރެއް އަދާކުރެއެވެ.