English Edition
Dhivehi Edition
ފުލުހުންގެ ފްރަންޓްލައިން އޮފިސަރެއް މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފޮޓޯ: ޕޮލިސް

ކަރަންޓީނާ ޚިލާފުވާ ފަރާތްތައް 5،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިއަދު ގެޒެޓްކުރި އެ އިސްލާހުގައި ބުނެފައިވާ ގޮތުން ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިޙުތިރާމްކޮށް އާންމު ޞިއްޙަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، ކޮންމެ މީހަކު ވެސް ދޭންވާނެއެވެ.

އަދި އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، ނުވަތަ އާންމު ޞިއްޙަތު ރައްކައުތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ޤާއިމްކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު
ހުރަސްއަޅައިފިނަމަ، އެ ކުރަނީ ކުށެއް ކަމަށްވެސް އެ އިސްލާހުކުރި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ޚިލާފުވެއްޖެ ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި ކަރަންޓީނާ ޚިލާފުވާ ފަރާތްތައް އަމުރާ ޚިލާފުވާ ފުރަތަމަ ފަހަރު 2،500ރ. އިން އަދި ދެވަނަ ފަހަރު 3،500ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަމުރާ ޚިލާފުވާ ތިންވަނަ ފަހަރު 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ.

އެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޛު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށާއި، ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނުވާ ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ލޯކަލް ކައުންސިލްތަކުން ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.