English Edition
Dhivehi Edition
ރިއޯ ޑީ ޖެނޭރޯގެ ގަވަރުނަރު ވިލްސަން ވިޓްޒެލް. --ފޮޓޯ: ރޮއިޓާސް

ކޮވިޑް-19އާ ގުޅިގެން މެޑިކަލް ސަޕްލައިސް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށް ބްރެޒިލްގެ ކޯޓަކުން ރިއޯ ޑީ ޖެނޭރޯގެ ގަވަރުނަރު ވިލްސަން ވިޓްޒެލް ވަގުތީގޮތުން މަގާމުން ސަސްޕެންޑްކޮށްފިއެވެ.

އެގޮތުން، 180 ދުވަހުގެ މުއްދަތަށް ވިޓްޒެލް ސަސްޕެންޑްކުރަން ކޯޓުން ނިންމުމާއި ގުޅިގެން އޭނާ ބުނީ ސިޔާސީ ނުފޫޒު މިކަމުގެ ތެރެއަށް ވަދެފައިވާތީވެ، އަދުލް އިންސާފު ގާއިމްކުރުމުގައި ޕަބްލިކް ޕްރޮސެކިއުޓާ ނުކުޅެދިފައިވާކަމަށެވެ.

އަދި ޕްރޮސެކިއުޓާ އަކީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯއާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށްވުމުން ވިޓްޒެލްގެ ހެލްތު ސެކްރެޓަރީ މަގާމުގައި ކުރީން ހުރި ފަރާތުން ދީފައިވާ ދޮގު ހެކީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައިވާކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ވިޓްޒެލްއާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ދައުވާގައި ކޯޓު އަމުރުގެ ދަށުން ހިންގާ ތަހުގީގުގެ ތެރެއިން އެ ގައުމުގެ ފުލުހުން ވަނީ އޭނާއާ ގުޅުންހުރި އެތައް ފަރާތަކަށް ނިސްބަތްވާ 83 ތަނެއް ރެއިޑްކޮށް، މިހާތަނަށް ނުވަ މީހުން ހައްޔަރުކޮށްފައިވާކަމަށް ވެސް ޕްރޮސެކިއުޓާ ވިދާޅުވިއެވެ.