English Edition
Dhivehi Edition

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން ފަށައިފި އެވެ.

ހުކުރު ދުވަހުގެ ރޭ 9:47 ހާއިރު، ހިނގި މި ހާދިސާގެ ތަހުގީގު، އެމްއެންޑީއެފްއާ ފަޔާ އެންޑް ރެސްކިއުއާ ގުޅިގެން ހިންގާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ ފުލުހުންގެ ތަހުގީގު ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ސީނިއާ މުވައްޒަފުންނާ ބައްދަލުވެ މަޝްވަރާކުރެވިފައިވާ ކަމަށާއި ތަހުގީގުގެ ހަރަކާތްތައް މިހާރު ހިނގަން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ އަކީ ޓެރަރިޒަމްގެ އަމަލަށް ވުން ގާތް ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވިދާޅުވެފައިވާ އިރު ހުސެއިން ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވީ އަލިފާނުގެ ބޮޑު ހާދިސާ އަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް އިންޑިއާ އާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާފައިވާ އަމަލަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ތުހުމަތެއް މިހާދިސާ އާއި ގުޅިގެން ކުރެވިފައިވާ ކަމަކަށް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނުބުނެއެވެ.

މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.