English Edition
Dhivehi Edition

އެސްބީއައިގެ އޮފީސް ހުންނަ އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެސްބީއައި އިން ދޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ޕީއެސްއެމް ގެ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ޖެނެރފަލް މެނޭޖަރ އިސްމާއިލް ލަތީފް ރޭ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ 5 ފްލޯއެއްގައި އެސްބީއައިގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށާއި ނަމަވެސް އަލިފާނުގެ ހާދިސާއާއި ގުޅިގެން އޮފީހުން ދެމުންދާ ޚިދުމަތްތަކަށް ބުރޫނާރާނެކަމަށެވެ،
“މިހާދިސާއާއި ގުޅިގެން އެސްބީއައިގެ އޭޓީއެމްތަކުން ދޭ ހިދުމަތްތަކާއި، އެނޫންވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަތައް ފޯރުކޮށް ދިނުމުގައިވެސް އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ” ލަތީފް ވިދާޅުވިއެވެ.

ރޭ ފުރަތަމަ އަލިފާން ރޯވީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޮފީސް ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްއާ އިންވެގެން ހުރި ކެފޭއެއްގަ އެވެ. ކެފޭ އެއްކޮށް އެނދިއިރު އަލިފާންގަނޑު ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެކި ފަންގި ފިލާތަކަށްވެސް ފެތުރުނެވެ. އޭގެ އިތުރުން ކެފޭއާ އިންވެގެން ހުރި މަނީ އެކްސްޗޭންޖް މަސައްކަތް ކުރާ ތަނެއްގައިވެސް ރޯވި އެވެ. އަލިފާނުގެ މި ހާދިސާ ކޮންޓްރޯލް ކުރެވުނީ، ރޭ 11:34 ކަންހާއިރު އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސްބީއައިގެ އިމާރާތަށް ގެއްލުން ލިބިފައިވީ ނަމަވެސް ކަސްމަރުންނަށް ދަތިތަކާއި ނުލައި ޚިދުމަތް ލިބިގެން ދާނެއެވެ.
އެސްބީއައިއިން މީގެ ކުރިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އެބޭންކުގެ ޑިޖިޓަލް އެޕްލިކޭޝަން، ޔޯލޯ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މިހިދުމަތާއިއެކު ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހައިން ގިނަ ހިދުމަތްތަކެއް ލިބޭ މި އެޕްލިކޭޝަން ވީހާވެސް ގިނަ ފަރާތްތަކަކަށް ތަޢާރަފްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެސްބީއައިވެސް ވަނީ ބުނެފައެވެ.