English Edition
Dhivehi Edition

ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ދިމާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޢިމާރާތުގެ އުތުރުން ހުރި، ޢިމާރާތުގައި ރޭ ރޯވި އަލިފާންގަނޑު ރޯވިތާ 2 ގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައިވާކަމަށާއި ހާދިސާގެ ބޮޑުމިނަށް ބަލާއިރު އަލިފާން ކޮންޓްްރޯލް ކުރަން ހޭދަވީ އެކަށީގެންވާ ވަގުތެއްކަމަށް ޤަބޫލުކުރައްވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މީޑީޔާއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަލިފާނުގެ ރިޕޯޓް އެންމެ ފުރަތަމަ ލިބިފައިވަނީ 9:43 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމާއިއެކު ސިފައިންގެ ފަޔާއެންޑް ރެސްކިއުޓީމުން އަލިފާން ނިއްވުމަށް ކެނޑިނޭޅި މަސައްކަތްކޮށް 2 ގަޑިއެއްހައިއިރުގެ ތެރޭގައި އަލިފާންގަނޑުގެ %85 ކޮންޓްރޯލްކޮށްފައި ވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަލިފާން ނިއްވުމަށް ދަތިވި އެއްސަބަބަކީ އެސްބީއައިގެ މަތީ ފަންގިފިލާތަކަށް އެރޭނެ ގޮތެއް ނެތުން ކަމަށެވެ.

“އަލިފާން ރޯވިއިރު، ބައެއް ފްލޯތައް ވަރަށްބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވުމުން އިމާރާތުގެ ބައެއްފްލޯތަކަށް ވަނުމަށް ދަތިތަކެއް ކުރިމަތިވި. ނަމަވެސް އާންމުންނާއި ސިފައިން ކުރި މަސައްކަތުން އިމާރާތުގެ ތެރެއަށް ވަދެ މިހާރު އަލިފާންގަނޑު ކޮންޓްރޯކޮށް ނިއްވާލުމުގެ މަސައްކަތް ކޮށްފައިވަނީ. ” މިނިސްޓަރ ވިދާޅުވިއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އެންމެ ފުރަތަމަ ރޯވި ކެފޭ އަށާއި، އެސްބީއައި ހިންގާ އިމާރާތުގެ މަތީ ފަންގިފިލާތަކަށެވެ. ސިފައިން މިރޭ މިއަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ބޭނުންކޮށްފައި ވަނީ އެއްލީމަ އަލިފާން ނިއްވާލާ ވައްތަރުގެ އެއްޗެއް ކަމަށާއި އުސްއިމާރާތަކަށްވުމުން ފޯމް ޖަހަން އުނދަގޫތަކެއް ކުރިމަތިވިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާގައި އިމާރާތުގެ އެންމެ މަތީގައިވާ ފަންގިފިލާތައް ފިޔަވައި އެހެން ފަންގިފިލާތަކުގެ އެތެރެއަށް އަލިފާންގަނޑު މާބޮޑަށް ފެތުރިފައެއް ނުވެއެވެ. ނަމަވެސް ތިރީގެ ބައެއް ފަންގިފިލާތަކަށް ވެސް މި ހާދިސާގައި އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.