English Edition
Dhivehi Edition
އެސްޑީއެފްސީ - ފޮޓޯ: މިހާރު

ކޮވިޑް-19 އާ ގުޅިގެން އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކަށް ދީފައިވާ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި އެވެ.

އެސްޑީއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި، 18 މާރިޗް 2020 ގައި ޢާންމުކޮށްފައިވާ ނޫސްބަޔާނުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު، އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 01 ސެޕްޓެމްބަރު 2020 ފެށިގެން މޮރެޓޯރިއަމްގެ މުއްދަތު 04 މަސްދުވަހަށް އިތުރުކުރުމަށް ނިންމާފައިވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލޯނުތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ ކަމަށާއި، 07 ސެޕްޓެމްބަރ 2020 ގައި މޮރެޓޯރިއަމްއަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެކަން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ކުރިންވެސް އިޢުލާންކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި، އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓްގެ އަދަދު 4% އަށް ކުޑަކުރޭވެނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެސްޑީއެފްސީން އިތުރަށް ބުނެފައި ވަނީ އެ ކޯޕަރޭޝަނުން މިވަގުތު އެންމެ އިސްކަމެއްދެނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

މޮރެޓޯރިއަމްއަށް އެދުމާ ގުޅޭ އިތުރު މަޢުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓު މެދުވެރިކޮށް 07 ސެޕްޓެމަބަރ 2020 އިން ފެށިގެން ލިބެން ހުންނާނެއެވެ.