އަމިއްލަ ދަރިފުޅާއި އިތުރު ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.
އެގޮތުން ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ އޮގަސްޓް 25 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނެނީ ތ އަތޮޅާއި ލ. އަތޮޅެވެ.