English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 135 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި، 15 ބަންގްލަދޭޝްގެ މީހުންގެ އިތުރުން އިންޑިއާގެ 08 މީހަކާއި މިޞްރުގެ 02 މީހެއްގެ އިތުރުން ނޭޕާލްގެ މީހެކެވެ. އިއްޔެވެސް 133 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،047 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 105،855 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 1،460 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 173 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.