English Edition
Dhivehi Edition
ފުވައްމުލަކުގެ މަސްވެރިންތަކެއް ބަނދަރުމަތީގައި: ފޮޓޯ ފުވައްމުލައް މަސްވެރިން ޕޭޖް

ފުވައްމުލަކުގެ ދެކުނު އަދި އިރުމަތީގައި އަޅާފައިވާ ދެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ 6 މަސް ދުވަސް ވެފައިވާތީ އެ މައްސަލަ ޙައްލުކޮށް ދިނުމުގެ ގޮތުން އޮއިވާލި ކަނދުފަތި ހަރުކުރުމަށް ބޭނުންވާ ސާމާނާއެކު މި މަހުގެ 24 ވަނަ ދުވަހު ދޯންޏެއް ފުރާފައިވާ ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ މައުލޫމާތު މިނިސްޓްރީ އަށް ލިބިފައިވަނީ މީގެ 05 މަސް ދުވަސް ކުރިން ކަމަށެވެ. އަދި އެދުވަސްކޮޅަކީ ރާއްޖޭގެ ގިނަ ސަރަހައްދަކަށް ކަނޑު ގަދަ ދުވަސްވަރަކަށް ވުމުން ކަނދުފަތި ހަރުކުރުމަށް ބޭނުންވާ ސާމާނު ރަށާއި ހަމައަށް ފޮނުވުމުގައި ދަތިތަކެއް ދިމާވިކަމުގައިވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ކަނދުފަތިތައް ހަރުކުރުމަށް ސާމާނާއެކު ދޯންޏެއް 24 އޮގަސްޓުގައި ފުރާފައިވާކަމަށާއި މި ދޯނިން ރާއްޖޭގެ 05 ސަރަހައްދެއްގައި ޖުމުލަ 06 ކަނދުފަތި ހަރުކުރާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފުވައްމުލައް ބޭރުގައިވާ ކަނދުފަތިތައްވެސް ހަރުކުރެވިގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޒިޔާދު އިތުރަށް ވިދާޅުވީ ކޮވިޑް19އާއި ގުޅިގެން ރަށްރަށަށް އަރާ ފައިބާ ހެދުމުގައި ދަތިތަކެއް ހުރުމާއި ގުޅިގެން ކަނދުފަތި ހަރުކުރުމަށް އާންމު ގޮތެއްގައި އެއްގަމުގައި ކޮށް އުޅޭ މަސައްކަތްތައްވެސް މިފަހަރު ކުރެވިގެންދާނީ ކަނޑުމަތީގައެވެ. ޒިޔާދުވަނީ ކަނދުފަތި ހަރުކުރުމުގައި ލަސްތަކެއް ދިމާވެއްޖެކަން ގަބޫލުކުރާ ވާހަކަ ދަންނަވަމުން ދިމާވި ދަތިތަކަށް ފުވައްމުލަކު މަސްވެރިންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކަނދު ފައްޗާއި ބެހޭގޮތުން ފުވައްމުލައް ސިޓީގެ މަސްވެރިން ހިންގަމުން އަންނަ ފޭސްބުކް ޕޭޖް “ފުވައްމުލަކު މަސްވެރިން”ގެ އިސްކޮށް އުޅުއްވާ ފަރާތެއް ކަމުގައިވާ މުހައްމަދު އަހުމަދު، މުއްޓޭ ބުނެފައިވަނީ ކަނދުފަތި ކަނޑައިގެން ދިއުމުން އެކަމުގެ ދަތި އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގިނަ މަސްވެރިންތަކެއްގެ ޝަކުވާ އެކަމާއި ގުޅިގެން ވަނީ ލިބިފައި ކަމަށާއި ފާއިތުވެދިޔަ އެއްވެސް އިރެއްގައި މިހާ ގިނަދުވަހު ކަނދުފަތީގެ އިންތިޒާރުގައި މަސްވެރިން ތިބެންޖެހިފައި ނުވާ ކަމަށްވެސް މުއްޓޭ ވަނީ ފާހަގަކޮށްފައެވެ.

މަސްވެރިކަން ކުރާތާ 45 އަހަރު ވެފައިވާ ފުވައްމުލަކުގެ އެންމެ ތަޖުރިބާކާރު އެއް ކެޔޮޅު ކަމުގައިވާ މުހައްމަދު އިބްރާހިމް ބުނެފައިވަނީ އޮއެވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ މިހާރު މިވީ 6 މަސް ދުވަސް ކަމަށެވެ.

“ރަށުގެ ބޭރުގައި މި އޮންނަނީ ޖުމުލަ 3 ކަނދުފަތި، އެތަނުން އެންމެ މަސްވެރިކަން ތިޔާގި 2 ކަނދުފަތި ކަނޑައިގެން މިދިޔައީ. ހުޅަނގު ފަރާތުގައި އޮންނަ ކަނދުފައްޗަކީ އެއްވެސް އިރެއްގައި މަސްވެރިކަން ކުރަން ރަނގަޅު ސަރަހައްދެއް ނޫން؛” އޭނާ ބުންޏެވެ.

ކަނދުފަތި ކަނޑައިގެން ދިޔުމާ ގުޅިގެން ގިނަ ދަތިތަކެއް ދިމާވާ ކަމުގައިވެސް މުހައްމަދު ވަނީ ބުނެފައެވެ. އެގޮތުން މަސްވެރިކަން ތިޔާގި ނުވުމާއި ގުޅިގެން މަސްވެރިކަން ކުރުމުގައި ކުރަންޖެހޭ ގިނަ ހަރަދުތަކެއް ކުރުމަށް ބޭނުންވާ އާމްދަނީ ނުލިބޭ ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

“ކުރިން މަހަށް ނިކުންނަ ކޮންމެ ދުވަހަކު މަސް ދޯނީގެ ހަރަދުތައް ކެނޑުމަށް ފަހުން ގެޔައްގެންދާނެ ފައިސާ ލިބޭ. މިހާރު 6 ދުވަހު މަހަށް ނިކުމެގެން މިލިބެނީ 2 ދުވަހަށް ވާ ވަރަށް ތެޔޮ އަޅާލެވޭނެ ފައިސާ. މަހުގެ އަގު ބޮޑުވަނީ މަސް ލިބުން ދަތިވީމަ، މަހުގެ އަގު ބޮޑު ވީމަ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވޭ” މުހައްމަދު ބުންޏެވެ.ފުވައްމުލަކުގައި އޮއެވާލި ކަނދުފައްޗެއް އެންމެ ފުރަތަމަ ހަރު ކުރެވުނީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. އޮއެވާލި ކަނދު ފައްޗަކީ 1981 ވަނަ އަހަރު އުފެއްދި ރާއްޖޭގެ އަމިއްލަ އުފެއްދުމެކެވެ. އޮއެވާލި ކަނދުފައްޗަކީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށްދޭ އާލާތަކަށްވުމުން މަސްވެރިންނަށް ގިނަގުނަ ފަސޭހަތަކެއް އެއިން ލިއްބައި ދެއެވެ. ރާއްޖޭގައި މިހާރު ޖުމުލަ 56 ކަނދުފަތި އޮތްއިރު ފުވައްމުލަކުން ކަނދުފައްޗެއް އެންމެ ފަހުން ކަނޑައިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ފުވައްމުލަކުގެ އިރުމަތީ ފަރާތުގައި އޮންނަ ކަނދުފައްޗެވެ. ދުރަށް ފެންނަ ގޮތަށް އަލި އޮރެންޖު ކުލައެއްގައި ހުންނަ ކަނދު ފަތިތަށް އާންމު ގޮތެއްގައި ހަރު ކުރެވިފައި ހުންނަނީ ރަށާއި 12 މޭލު ހިސާބުގައެވެ.