English Edition
Dhivehi Edition
ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކުގެ ގުރު ނެގުން - ފޮޓޯ: ސަލްވީން (އަވަސް)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުގެ ތިން ކެންޑިޑޭޓަކާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ތިން ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ ޕީޕީއެމްގެ ފަރާތުން ބ. ކުޑަރިކިލު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި މުޙައްމަދު ޙަސަން، ރޯޒްމީޑް / ބ. ކުޑަރިކިލު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ޅ. ހިންނަވަރު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ނިޝާން ޢަބްދުލްވައްހާބު، އެރީނާ / ޅ. ހިންނަވަރު އަދި އެމްޑީޕީގެ ފަރާތުން ތ. ގާދިއްފުށި ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ރަޢުދާ ޢަބްދުﷲ، ދަފްތަރު. ނަންބަރު ދރ 1691 / މާލެ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން އިންތިޚާބަށް ކުރިމަތިލި ތިން ކެންޑިޑޭކެވެ. އެއީ ޅ. ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ޙައްވާ ޢަބްދުﷲ (ހައްވަޑީ)، ރޯޝަނީގެ، ޅ. ނައިފަރު އަދި ޚަދީޖާ ނަޖުމާ (ޚައްޖަ ނަޖޫ)، ޓެންސް، ޅ. ނައިފަރު އާއި ގއ. ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި މަރްޔަމް ޝިބާ ނަޖީބް (ޝިބާ)، އިރުވައިވިލާ، ގއ. ދާންދޫ އެވެ.

މިއާއެކު ކައުންސިލް އިންތިޚާބުން ނަން ނެގި ކެންޑިޑޭޓުންގެ އަދަދު 36 އަށް އަރާފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ނަން ނަގާފައި ވަނީ ޖުމްލަ 19 ފަރާތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.