English Edition
Dhivehi Edition
- ފޮޓޯ: ޕޮލިސް

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 3,249 މީހުންނަށް ފިޔަވަޅު އަޅައިފިއެވެ.

ރޭ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކަންކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާހަގަކުރެވިފައިވާ ކަންކަމާއި ތަފާސް ހިސާބުތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 3249 މީހުންނާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި އޭގެ ތެރޭގައި ވަކި އުމުރު ފުރައެއްގެ ބޭފުޅުންނަށް ފިޔަވަޅު އެޅުނު މިންވަރު ގިނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން 18 އަހަރުން ދަށުގެ 87 މީހުންނަށާއި 18 އަަހަރާއި 40 އަހަރާ ދެެމެދުގެ 2869 މީހުންނަށް ފިޔަވަޅު އަޅާފައިވާއިރު، 41 އަހަރާއި 65 އަހަރާ ދެމެދު 291 މީހުންނަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި 65 އަހަރުން މަތީގެ ދެމީހަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ތަކުރާރުކޮށް ފިޔަވަޅު އެޅުނު މީހުންގެ ތަފާސް ހިސާބު ހިއްސާކުރައްވަމުން ޢަބްދުﷲ ޝަރީފް ވިދާޅުވީ އެކަކަށް 7 ފަހަރު ފިޔަވަޅު އަޅާފައިވާކަމަށާއި 2 މީހުންނަށް 6 ފަހަރު އަދި 8 މީހަކަށް 5 ފަހަރު ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި 24 މީހަކަށް ހަތަރު ފަހަރު ފިޔަވަޅު އަޅާފައިވާއިރު، 79 މީހަކަށް ތިން ފަހަރު އަދި 354 މީހަކަށް ދެ ފަހަރު ފިޔަވަޅު އަޅާފައިވާކަމަށާއި 2158 މީހުންނަށް އެއްފަހަރު ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާސްކު ނާޅާތީ 2428 މީހުންނަށް ފިޔަވަޅު އަޅާފައިވާކަމަށާއި މީގެތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 116 މީހުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ 1951 މީހުންނާއި 41 އަހަރާއި 65 އަހަރާ ދެމެދުގެ 353 މީހުންނާއި 65 އަހަރުން މަތީގެ 8 މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

މާސްކު ނާޅާތީ ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ މީހުންނަށް ބަލާއިރު، އެކަކަށް 6 ފަހަރު ފިޔަވަޅު އަޅާފައިވާއިރު، 10 މީހަކަށް ހަތަރު ފަހަރު، 26 މީހަކަށް ތިން ފަހަރު، 162 މީހަކަށް ދެ ފަހަރު އަދި 1990 މީހަކަށް އެއް ފަހަރު ފިޔަވަޅު އަޅާފައިވެއެވެ. މީގެއިތުރުން 137 ބިދޭސީއަކަށްވެސް ފިޔަވަޅުއަޅާފައިވެއެވެ. މި ބިދޭސީންނަކީވެސް ޑޮކިއުމަންޓްތައް ހުރެގެން އަދި އެެއީ ކާކުކަން އެނގިގެން ފުލުހުން އެޓެންޑްވެފައިވާ މީހުންކަން ފާހަގަކުރެއްވިއެވެ.

މި މައުލޫމާތުތަކަކީ ފުލުހުން ބޭނުންކުރާ ވަސީލަތްތަކުގެ ޒަރީއާއިން ފުލުހުން އެއްކުރަމުންދާ މައުލޫމާތުތައްކަމަށާއި މި ވަސީލަތްތަކުގެ ތެރެއިން ފުލުހުން އެޓެންޑްވާ މީހުން އަދަދުތަކާއި އެމީހަކަށް ކިތައް ފަހަރު ފިޔަވަޅު އެޅިފައިވާކަން އެނގިގެންދާނެކަން ޢަބްދުﷲ ޝަރީފް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ސިއްހީ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާއި އިރުޝާދުތައް ބަލައިގަނެ އަމަލުކޮށްދެއްވުމަށް ޢަބްދުﷲ ޝަރީފް އެދިވަޑައިގެންނެވިއެވެ. ހުރިހާ ފަރާތްތަކުންވެސް ގޭގައި މަޑުކުރައްވައި އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށާއި ބަލިން ސަލާމަތްވުމަށްޓަކައި ސިއްހީ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި މައުލޫމާތުތަކަށް އަމަލުކުރެއްވުމަށާއި އެ އިރުޝާދުތަކަކީ ހުރިހާ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމަށްވުމުން އެކަމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ޢަބްދުﷲ ޝަރީފް އެދިވަޑައިގެންނެވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޢަބްދުﷲ ޝަރީފް ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒްކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ.