ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޢުލާންކޮށްފި އެވެ.
ޖޭއެސްސީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އޮގަސްޓް 05 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
އަދި ކުރީގެ އިޢުލާނުގެ ދަށުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފިޔަވައި އިތުރުން އެހެން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ކަނޑައަޅާފައިވާއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނު ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަނޑި އަކީ 08 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 14:00 އެވެ. އެ މަޤަމަށް އެދި ހުށަހަޅާނީ އޭމއިލް މަދުވެރިކޮށް [email protected] އަށެވެ.
ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޝުޖާޢު އުސްމާން އަދި ފަނޑިޔާރު ހަސަން ޢަލީ، މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.