English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ހިންގާ ގާޑިޔަލެއް - ފޮޓޯ: ގޫގުލް (ފޯރސްކޮއަރ)

ހުއްދަ ހޯދުމަކާއި ނުލައި އާންމު ތަންތަނުގައި ކާބޯތަކެތި ވިއްކުމާއި ގާޑިޔާގައި ވިޔަފާރިކުރުން ހުއްޓާލުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ބައެއް ސަރަޙައްދުތަކުގައި ހުއްދަ ނުހޯދައި ވިޔަފާރި ރަޖިސްޓަރީ ނުކޮށް ކާބޯ ތަކެތި ވިއްކުމާއި ގާޑިޔާ ބާއްވައިގެން ވިޔަފާރި ކުރަމުން ދާކަން ފާހަގަވެފައިވާ ކަމަށާއި، ވިޔަފާރި ރަޖިސްޓަރީ ނުކޮށް ކާބޯތަކެތި ވިއްކުމާއި ގާޑިޔާ ބާއްވައިގެން ވިޔަފާރި ކުރުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހުއްދަ ހޯދުމަކާއި ނުލައި ހިންގާ އެފަދަ މުޢާމަލާތްތައް ހުއްޓުވުމުގެ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ޓ) އަދި (ޔ) އާއި ދަށުން، ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ވެސް ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ހުއްދަ ހޯދުމަކާއި ނުލައި ކާބޯތަކެތި ވިއްކުމާއި ގާޑިޔާ ހިންގުން ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެކަން ހުއްޓާލުމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.