“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ރޭ ކުޅުނު ދެވަނަ މެޗު އެފްސީ އުސްގަނޑާއި ނޮރިންމަ އެފްސީ ބައްދަލުކުރި މެޗު 2 ލަނޑު 0 ލަނޑުން އެފްސީ އުސްގަނޑަ ކާމިޔާބުކޮށްފިއެވެ
ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގައި އެފްސީ އުސްގަނޑުން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ ބާރަވަނަ މިނިޓްގައި މުހައްމަދު ރިފާހު ކާމިޔާބުކޮށްދިން ލަނޑެކެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފްގެ ސަތާރަވަނަ މިނިޓްގައި އެފްސީ އުސްގަނޑުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައިވާއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އިބްރާހީމްއެވެ.
މި ނަތީޖާއާ އެކު ބީ ގްރޫޕްގައި ހިމެނޭޓީމުތަކުގެ ތެރެއިން އުސްގަޑަށް 3 މެޗުން ހަތް ޕޮއިންޓް ލިބިގެން މި ވަގުތު އެއްވަނަ ޓީމުގެ ގޮތުގައި، ގުރޫޕް ބީއިން ކްއާޓާފައިނަލަށް ހޮވުމުގެ ފުރުސަތު ބޮޑުވެފައިވާއިރު ދެން މި ގުރޫޕްގައި ހިމެނޭ ޓީމްތަކުގެ ތެރެއިން ފޭދޫ ކަޅަބެންޗާއަށް ތިން މެޗުން 2 ޕޮއިންޓް ލިބިފައިވާއިރު މަރަދޫ ގަބުރު އެފްސީއަށް ތިން މެޗުން 5 ޕޮއިންޓްވަނީ ލިބިފައެވެ. އަދި މިގްރޫޕްގައި ދެންހިމެނޭ އަފިރިން ޓީމަށް ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު މީދޫ ނޮރިންމަ އެފްސީ ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހްމަދު އިބްރާހީމްއެވެ.
ރޭ ކުޅެވުނު ތިންވަނަ މެޗުގައި އުސްގަނޑަ ޖޫނިއާސް އާއި ގަންބުރި އެފްސީ ބައްދަލުކުރި މެޗު އުސްގަނޑަ އެފްސީ އިން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މުޅި މެޗުގައިވެސް އުސްގަނޑު އެފްސީގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު މުޅުމެއް ފެނިގެން ދިޔައިރު ގަންބުރި އެފްސީ އިންވެސް ވަނީ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. މި މެޗުގައި ގަންބުރު އެފްސީ އިން އަހްމަދު ފަރްހާދް އާއި އަހްމަދު މިރުސާދު އެ ޓީމުގެ ލަނޑުތައް ޖަހައިދިން އިރު އުސްގަނޑަ ޖޫނިއާސްގެ އަހްމަދު މާޒް ރަޝީދު އާއި އަހްމަދު ރާހީމްވަނީ އެ ޓީމަށް ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ގަންބުރި އެފްސީގެ ލިވާޒު އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު މެޗުގެ އެންމެ ފަހު މިނިޓުގައިވެސް ގަންބުރި އެފްސީ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުސްގަނޑަ ޖޫނިއާސްގެ އިބްރާހީމް އަލަމް ނަސީމްއެވެ.
ގުރޫޕް އޭގައި ހިމެނޭ މީދޫ ޗެލެންޖާސްއަށާ މީދޫ ބީރިކަނާއަށް 3 މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު މިދެ ޓީމް މިގްރޫޕްގެ ފަހު މެޗްގައި މިއަދު ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމިއްޖެނަމަ މިދެޓީމަށްވެސް މިގްރޫޕުން ކްއާޓާރ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ