English Edition
Dhivehi Edition
ލެފްޓިނެންޓް ކާނަލް ރިޓަޔާރޑް ޢަބްދުލްޣަނީ

 

މޯލްޑިވްސް ނޭޝަލަން ޑިފެންސް ފޯސް އެމްއެންޑީއެފް އަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ އަވަހާރަވެއްޖެއެވެ.

ޢަބްދުލްޣަނީ އަވަހާރަވީ މިރޭ މެންދަމު ހުޅުމާލޭ ގައިހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

ޢަބްދުލްޣަނީ އަކީ 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައިވެއެވެ.

ޢަބްދުލްޣަނީ ގެ ޢާއިލާގެ ފަރާތުން ފާތިމަތު އަޒްލިފާ އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި ޢަބްދުލްޣަނީ ކޮވިޑް 19 އަށް ޓެސްޓުކޮށް ޕޮޒިޓިވް ވުމުން ފަރުވާއަށް ގެންދެވުނީ މިއޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އަނބި ކަނބަލުންވެސް ވަނީ މިބައްޔަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ގެންދެވިފައެވެ. އެޢާއިލާއިން އެދެބޭފުޅުންނާއެކު ޖުމްލަ 4 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޢާއިލާއިން މަޢުލޫމާތު ދެއްވައެވެ.