English Edition
Dhivehi Edition

ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަނުގެ މެޗް ޝެޑިއުލް މިއަދު ނެރުނުއިރު، ފުރަތަމަ ހަފްތާގައި ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި އަންނަ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ތަށި ކާމިޔާބުކޮށް ދުވަސްތަކަކަށްފަހު އެނބުރިއައި ލީޑްސް ޔުނައިޓެޑެވެ.

އަންނަ ސީޒަނުގެ މެޗުތައް ކުޅެވިގެންދާނެ ގޮތުގެ ތާވަލް ނެރުނުއިރު، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ނިމިދިޔަ ސީޒަނުގެ ދެވަނަ އާއި ތިންވަނައިގައި ނިންމާލި މެންޗެސްޓާއަށް ނިސްބަތްވާ ދެ ޓީމަށް ފުރަތަމަ ހަފްތާފައި މެޗެއް ނެތުމެވެ. އޭގެ މައިގަނޑު ސަބަބަކީ ސިޓީ އާއި ޔުނައިޓެޑުން އޯގަސްޓް މަހުގެ ތެރޭގައި ޔޫރަޕްގެ މުބާރާތްތަކުގައި ކުޅުމުން 30 ދުވަހުގެ ބްރޭކެއް ދިނުމުގެ ގޮތުންނެވެ.

އެގޮތުން، ޕްރިމިއާ ލީގުގެ މެޗުތައް ފެށޭ ހަފްތާގައި ތާވަލްކުރެވިފައިވާ ގޮތުން، ބާންލޭއާ ދެކޮޅަށް ރަށުން ބޭރުގައި ޔުނައިޓެޑް ކުޅޭ މެޗާއި، ސިޓީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނިކުންނަ މެޗު ވަނީ އެހެން ހަފްތާއެއްގައި ކުޅުމަށް ފަސްކުރެވިފައެވެ.

ފުރަތަމަ ހަފްތާގައި ކުޅޭ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗުގައި އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ނިކުންނައިރު، ދެން އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗުން ބްރެންފޯޑް ބަލިކޮށް ޕްރިމިއާ ލީގަށް އެނބުރިއައި ފުލަމްއާ ދެކޮޅަށް ރަށުން ބޭރުގައި އާސެނަލް ކުޅޭ މެޗުގެ އިތުރުން ނިމިދިޔަ ސީޒަނުގައި ޔޫރަޕްގެ ޖާގަތަކަށް ވާދަކުރި ދެ ޓީމު ކަމަށްވާ ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ސީޒަނަށް މިހާރު އެންމެ ވަރުގަދަކުރަމުން އަންނަ ޗެލްސީން ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ނިކުންނައިރު، މިދިޔަ ސީޒަނުގެ ގަދަ ހަތަރަކަށް އެންމެ ފަހު ދުވަހާ ހަމައަށް ވާދަކުރި ލެސްޓާ ސިޓީ ރަށުން ބޭރުގައި ނިކުންނާނީ އަލަށް ޕްރޮމޯޓުވި ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ސިޓީ ކުޅުނު މެޗެއްގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މީގެއިތުރުން، ކުރިއަށް އޮތް ސީޒަނުގައި ހުރި ފޯރިގަދަ ބައެއް މެޗުތަކަށް ބަލާއިރު، ފުރަތަމަ ބޮޑު ޑާބީގެ ގޮތުގައި ފެނިގެންދާނީ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެވަޓަން ކުޅޭ މެޗެވެ. މިހާރު ލީގު ތައްޓަށް އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ދެ ޓީމުގެ ކުރިމަތިލުމުގައި ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު އެތިހާދު ސްޓޭޑިއަމްގައި ސިޓީއާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު، އެ ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ލިވަޕޫލްގެ އެންފީލްޑްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

އެންމެ ފާހަގަކޮށްލެވޭ، މެންޗެސްޓާ ޑާބީގައި ސިޓީއާ ދެކޮޅަށް ޔުނައިޓެޑްގެ ދަނޑުގައި ފުރަތަމަ މެޗު ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮތީ ސިޓީގެ ދަނޑުގައި އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހުއެވެ

ދެން އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، އަންނަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަން ޑާބީގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އާސެނަލް ނިކުންނައިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ޗެލްސީގެ ދަނޑުގައި އޮތީ އަންނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަން ފެށިގެންދާނީ މި މަހުގެ 29 ވަނަ ދުވަހު ވެމްބްލީގައި ލިވަޕޫލްއާ ދެކޮޅަށް އާސެނަލް ކުޅުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ. އެއަށްފަހު ބައިނަލް އަގުވާމީ މެޗުތަކަށް ތަންދިނުމުގެ ގޮތުން މެދުކަނޑާލުމަށްފަހު ލީގުގެ މެޗުތައް ފަށާނީ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.