English Edition
Dhivehi Edition
ޔޫއޭއީގައި މީހެއްގެ ގައިގައި ހުން ހުރިތޯ ޗެކް ކުރަނީ. --ފޮޓޯ: އޭއެފްޕީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް ޔޫއޭއީގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އަންނައިރު، ބެލެވޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށް އެ ގައުމުގެ ހެލްތު މިނސްޓަރު އަބްދުއްރަހުމާން މުހައްމަދު އަލް އޮވެއިސް ވިދާޅުވިއެވެ.

ޔޫއޭއީގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 365 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދެ މީހަކު ވަނީ މަރުވެފައެވެ. މިއާއެކު، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 65 ހާހާ ގާތްކުރާއިރު، މަރުވި މީހުންގެ އަދަދު ވަނީ 366 އަށް އަރާފައެވެ. މި ބަލީން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 57,909 އެވެ.

މުޅި ދުނިޔޭން މިހާތަނަށް 22.1 މިލިއަނެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 779،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލީގައި މިހާތަނަށް ރަނގަޅުވި މިހުންގެ އަދަދަކީ 14,892,813 އެވެ.