English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް - ފޮޓޯ: 123އާރްއެފް

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.