English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ނަލަަނަލަ އައްޑޫސިޓީއަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ވެސް މަގުބޫލުތަނެކެވެ. ރާއްޖޭގެ މައި އެއާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ގިނަ ރިސޯޓުތަކެއް ހުރި ނަމަވެސް ބައެއް ފަތުރުވެރިން ބޮޑެތި ޚަރަދުތަކެއް ކޮށް އައްޑޫއަށް އަންނަނީ ސަބަބުތަކެއް ނެތި އެއްނޫނެވެ. ޖިއޮގްރަފިކަލް ގޮތުން އައްޑޫއޮންނަ ސަރަހައްދަކީވެސް ގިނަ ފަރުތުވެރިން އައްޑޫއަށް ހިތްކިޔާ އެއް ސަބަބެވެ. އައްޑޫގެ ރައްޔިތުންގެ ހިތްހެޔޮކަމާއި މެޙްމާން ދާރީއާއި މިތަނުގެ ގުދުރަތީ ރީތިކަމަކީ ފަތުރުވެރިންގެ ހިތްދަމައިގަންނަ ވަސީލަތްތަކެވެ.

އައްޑޫގެ ޓޫރިޒަމް ކުރިއަރައި އައްޑޫސިޓީގެ ނަން ދުނިޔޭގެ ޓޫރިޒަމްގެ ބާޒާރުގައި މަޝްހޫރުވެގެން ދިއުމަކީ އައްޑޫގެ ގިނަ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. ވަކިން ޚާއްޞަކޮށް އިވެންޓް ޓޫރިޒަމް އައްޑޫގައި ފެށިގެންދާނެ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔަ އައްޑޫގެ ރައްޔިތުން ވަރަށް ގިނައެވެ. މިއަދު މިކަން މިއޮތީ ޙަގީގަތަކަށް ވެފައެވެ. އަންނަ އޮކްޓޯަބަރު މަހުގައި އައްޑޫގައި އެންމެ ފުރަތަމަ ފަހަރަށް ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އެވޯޑާއެކު މި ހުވަފެން ހަގީގަތަކަށް ވެ މި އިވެންޓް ކުލަގަދަކޮށް އައްޑޫގެ ތާރީޚުގައި ލިޔެވިގެންދާނެއެވެ.

“އައްޑޫގައި އެހެން ރިސޯޓްތައް ވެސް އޮޕަރޭޓް ކުރާއިރުވެސް އީކުއޭޓަރ އަށް މި ފުރުސަތު ލިބިގެން ދިއުމަކީ އީކުއޭޓަރ ވިލެޖްގެ ކިބައިގައި ހުރި ޚާއްޞަ ހުނަރެއް” ސަޓާ އެވޯޑްގެ ކަންތައްތަކާ ބެހޭގޮތުން އައްޑޫސިޓީ ކައުންސިލާއި އީކުއޭޓަރގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގް ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުން ވެސް އޮތީ މި އިވެންޓް ކާމިޔާބުކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ތައްޔާރަށެވެ. ކައުންސިލުގެ ހުރިހާ ކައުންސިލް މެމްބަރުން އަމިއްލައަށް އިސްނަންގަވައިގެން އީކުއޭޓަރގެ މެނޭޖްމަންޓާއި ބައްދަލުކޮށް ކައުންސިލުން ކޮށްދެވޭނެ އެހީތަކަކީ ކޮބައިތޯ ބައްލަވައި އެކަމާމެދު މަޝްވަރާކުރެއްވުމަކީ މީގެ އަލިގަދަ ހެއްކެކެވެ.

ސާޓާ އެވޯޑްގެ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީކުއޭޓަރ ވިލެޖްގައި އިއްޔެ ބޭއްވެވި ޚާއްޞަ ބައްދަލުވުމުގައި އީކުއޭޓަރ ގެ މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވީ އައްޑޫސިޓީއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުތެރެ ހަޑިވެ ގޮނޑުވެފައި އޮންނަ މައްސަލަ ކަމަށާއި ކުނިބުނިން ސާފުތަނަކަށް މިސިޓީގެ ރަށްތައް ހެދުމަށް ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކައުންސިލުން ވަނީ މި މައްސަލައަށް ހައްލު ހޯދައި ދެއްވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަވާފައެވެ. ވަކިން ޚާއްޞަކޮށް ސާޓާ އެވޯޑަށް އައްޑޫއަށް މެޙްމާނުން ޒިޔާރަތް ކުރާއިރު މި ސިޓީއަކީ ސާފު، ރީތި ތަނަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތް ކައުންސިލުން ކުރުމަށް ތައްޔާރުކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެމަސައްކަތްކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރުމަށް އައްޑޫގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ދެކިލައްވައެވެ.

އައްޑޫގައި ބޭއްވި ސާކުސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމަށް ވެސް ސިޓީކައުންސިލުން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވަވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިފަދަ އިވެންޓެއް ބާއްވާއިރު ގިނަ ތަޖުރިބާތަކެއް ލިބިފައި ހުންނާނެކަން ޔަގީނެވެ. މި ތަޖުރިބާތަކާއެކު އައްޑޫގެ ޒުވާނުންނަށް ފުރުސަތު ދީގެން ސާޓާ އިވެންޓް ކާމިޔާބުކުރުމަކީ ކައުންސިލްގެ ވެސް އަމާޒެވެ.

ސާޓާ އެވޯޑު އައްޑޫގެ އީކުއޭޓަރ ވިލެޖްގައި ބޭއްވި ނަމަވެސް މިއީ މުޅި އައްޑޫއަށް ލިބިގެންދިޔަ ރީތިނަމެއްކަން ޔަގީނެވެ. މީގެ ސަބަބުން އައްޑޫސިޓީއަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. އައްޑޫގެ ޓުއަރ ގައިޑުންނާއި ގެސްޓްހައުސް ހިންގާފަރާތްތަކަށާއި އަދި އެންޖީއޯސް ތަކާއި އައްޑޫގެ މަސައްކަތްތެރިކަމަށް ވެސް މިއީ ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.

“ސާޓާ” އާއެކު އައްޑޫއަށް އަންނަ މިއީދަށް އައްޑޫގެ ރައްޔިތުން މިތިބީ އުފަލުން ފޮޅިފައެވެ.