ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިންފުވައްމުލައްސިޓީގައި ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.
މި ކުލާހުން އެންމެ މަތިން މާކުސް ހޯދާ ދަރިވަރަކަށް ޗައިނާ ގައި ބަސް ކިޔެވުމަށް ފުރުސަތު ހޯދައިދޭ ގޮތަށް ސީއެމްސީއިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުލާހުގައި ބައިވެރިވާ ފަރާތްތަކަށް ސީއެމްސީއޭގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުސަތު ދެވޭނެއެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ސީއެމްސީއިން ކުރިއަށް ގެންދާ މި ކުލާސްތަކަކީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާސްތަކެކެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް އައި ދަރިވަރަށް ވަނީ ސްކޮލަރޝިޕް އެވޯޑް ދީފައެވެ.
މި ކުލާހުގައި ކިޔަވައިދެނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި ބަސް ކިޔެވުމުގައި 3 އަހަރު ހޭދަކޮށްފައިވާ އައްޑޫ ކުއްޖެކެވެ.
އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން 29 އޮގަސްޓްގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކޯހުގައި ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.
މި ކޯހުގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރުފިޔާ ދައްކަން ޖެހޭއިރު 18 އޮގަސްޓްގެ ކުރިން ރަޖިސްޓްރީ ވާ ދަރިވަރުންނަށް 250ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. ކޯހުގައި ރަޖިސްޓްރީ ވުމަށް ތިރީގައި މިވާ ލިންކު ބޭނުންކޮށްލެވޭނެއެވެ. http://form.jotform.com/kiyavaakudhin/chinese-language-program—fvm
މީގެ އިތުރުން ކޯހާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ސީއެމްސީއޭގެ ސައުތު ރީޖަން ޕްރޮގްރާމު ކޯޑިނޭޓަރ އަށް 7782034 މި ނަމްބަރުން ގުޅޭނެއެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.
ތިރީގައި މިވަނީ އައްޑޫސިޓީގައި ހިންގި ޗައިނާ ބަސް ދަސްކޮށްދޭ ކުލާހުގެ ދަރިވަރުން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ.