English Edition
Dhivehi Edition
ޗައިނީސް ލެންގުއޭޖް ކުލާހުން 1 ވަނަ ހޯދި ޔުމްނާ ޝިހާބް

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި އޭއޯ ނިއުސް ގުޅިގެން އައްޑޫސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޗައިނާ ބަސް ދަސްކޮށްދޭ ކުލާހުން އެއްވަނަ ޔުމްނާ ޝިހާބު ހޯދައިފިއެވެ. ކުލާހުން އެއްވަނަ އާއި އެކު ޔުމްނާއަށް ވަނީ ސީއެމްސީއޭގެ ފަރާތުން ޗައިނާގެ ޔުނިވަރސިޓީއަކުން ޗައިނާ ބަސް ކިޔެވުމަށް ސްކޮލަރޝިޕެއް ދީފައެވެ.

ކުލާހުން 3 ވަނަ ހޯދި ދަރިވަރު ޝަބާ ޝާކިރު

އޮގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫހައިސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޯހުން 2 ވަނަ ހޯދާފައިވަނީ އައްޑޫހައިސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާ ފާހިމް ފަހީމެވެ. 3 ވަނަ ހޯދާފައިވަނީ ޝަބާ ޝާކިރެވެ.

ޗައިނީސް ކުލާހުން 2 ވަނަ ހޯދި ދަރިވަރު ފާހިމް ފަހީމް

މި ކޯހަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުން މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާހެކެވެ.

މި ކްލާހުގައި މުދައްރިސެއްގެ ގޮތުގައި ސެޝަންތައް ނަގާ ދިނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި 3 އަހަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ދަރިވަރެކެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ ކްލާހަށް ފަހު ފުވައްމުލައް ސިޓީގައި ވެސް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ސީއެމްސީއޭގެ އިތުރު ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މި ކްލާހުން ވެސް އެއްވަނަ ހޯދާ ދަރިވަރަކަށް ސްކޮލަރޝިޕް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.