ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާގުޅޭ މުޢާހަދާއަށްވެސް ރިޢާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ. އޭގެ އިތުރުން، ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި މިހާރު އެކުލެވޭ ކުށް އިޞްލާޙުކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް
އޭޖީ އޮފީހުން ބުނީ މިއީ، ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށެވެ.
މީޣެ އިތުރުން މިއީ، މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިޞްލާޙެއް ކަމަށާއި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ހިމެނުމަށްޓަކައި، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް، އެ މަޖިލީހުގެ އުމުރު ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ނިމުމަކަށް އައީ ކަމަށާއި، އޭގެ ފަހުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމީ ކަމަށެވެ.
ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށް
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ޚިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީނަމަވެސް، އެ ކުށް ޤާނޫނުލްޢުޤޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫން ކަމަށްވާތީ، ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ، ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް
އޭޖީ އޮފީހުން ބުނީ ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ، ދައުލަތުގެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން، އޭނާއަށް ނުވަތަ އެހެން ފަރާތަކަށް، ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުޤާބިލުގައި އޭނާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ދިނުމަށް ވަޢުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ޤަބޫލުކުރުން ނުވަތަ ޤަބޫލުކުރުމަށް އެއްބަސްވުން ކަމަށެވެ.
މި ކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް، އޭގެ ތެރެއިން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން ހުށަހަޅާ އިޞްލާޙުތައް ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އުވާލުމަށްވެސް ސަރުކާރުން ހުށަހަޅާފައިވެއެވެ. އަދި އެ ޤާނޫނު އުވާލަން ހުށަހެޅުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިޞްލާޙުކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއްވެސް ސަރުކާރުން ހުށަހަޅާފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.