English Edition
Dhivehi Edition
10 އޮގަސްޓް 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝަށް ފުރި އެޤައުމުގެ ބައެއް ރައްޔިތުން - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ޤައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ދިޔަ އެ އެއާލައިންގެ ފްލައިޓުގައި 200 މީހުން ފުރުވާލާފައިވާ ކަމަށެވެ. އެމީހުން ޑާކާ އަށް ދިއުމަށް އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވައިލުމުގައި ސަރުކާރުން އިސްކަންދެނީ ޞައްޙަ ލިޔެކިޔުންތައް ނެތް މީހުންނަށެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ 4،800 އަށްވުރެ ގިނަ ރައްޔިތުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލައިފަ އެވެ. އަދި އައްޑޫ ސިޓީގައި ދިރިއުޅޭ ބައެއް ބިދޭސީންވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ޑާކާއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެޤައުމުގެ 1,830 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް-19 ޖެހިފައެވެ.